ދުނިޔެ
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި މައްސަލަ ހައިކޯޓަށް
އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި މައްސަލަ ހައިކޯޓަށް ހުށައެޅުން
އޮސްޓްރޭލިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ފާސްކުރި ގާނޫނު ބާތިލުކުރުމަށް އެ ގައުމުގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.
މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ގޮތަކަށް އެޅި ފުރަތަމަ ފިޔަވަޅަށް ގާތްގަނޑަކަށް އެއް އަހަރު ފުރެން ކައިރިވެފައި ވަނިކޮށް، އެ ގާނޫނާ ދެކޮޅަށް ކުރިމަތިވި އެންމެ ބޮޑު ގާނޫނީ ގޮންޖެހުމެވެ.
މި މައްސަލަ އަންގާރަ ދުވަހު ކޯޓަށް ހުށަހަޅާފައި ވަނީ މަޝްހޫރު އޮންލައިން ޕްލެޓްފޯމް ރެޑިޓް (Reddit) އަދި އޮސްޓްރޭލިއާގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތެއް ކަމަށްވާ ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓުންނެވެ. ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ރެޑިޓުން ފާހަގަކޮށްފައި ވަނީ، މިކަން ތަންފީޒުކުރުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށާއި، މިހާތަނަށް ބެލި ބެލުމުން މި ފިޔަވަޅުގެ ނަތީޖާ ވަރަށް ކުޑަކަން ހާމަވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާއިން ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ސައިންޓިފިކް ގޮތުން އެއްބަސްވެވޭ ހެއްކެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފާއިތުވި ޑިސެމްބަރު މަހު އޮސްޓްރޭލިއާ ސަރުކާރުން މި ގާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން ފޭސްބުކް، ޓިކްޓޮކް، ޔޫޓިއުބް އަދި ރެޑިޓް ފަދަ ޕްލެޓްފޯމްތަކުން ވަނީ އެތައް މިލިއަން އެކައުންޓެއް ޑިލީޓްކޮށްފައެވެ. ގާނޫނު ބުނާ ގޮތުން އުމުރު ހަމަނުވާ ކުދިން ދެނެގަނެ، އެކައުންޓްތައް ބަންދުކުރުމަކީ ކުންފުނިތަކުގެ ޒިންމާއެކެވެ. އެކަން ނުކޮށްފިނަމަ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ރެޑިޓުން ބުނަނީ މި ގޮތަށް އަމަލުކުރުމުން ކުދިންނަށް ލިބޭ ނުރައްކާ ބޮޑުވާ ކަމަށެވެ. އެއީ އެކައުންޓަކާ ނުލައި ވެސް ޕްލެޓްފޯމްތަކުގެ ކޮންޓެންޓް ބެލޭއިރު، އެކައުންޓް ހަދައިގެން ތިބޭއިރު ލިބޭ ރައްކާތެރިކަމުގެ ފީޗާތައް އެކުދިންނަށް ނުލިބި ދާތީއެވެ.
ނިއު ސައުތު ވޭލްސްގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ޖޯން ރުޑިކް އިސްވެ ހިންގަވާ ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓުން ކޯޓުގައި ބުނެފައި ވަނީ، މި ގާނޫނަކީ ސިޔާސީ ބަހުސްތަކުގައި ބައިވެރިވުމަށް ކުދިންނަށް ލިބިދޭ ހައްގު ހަނިކުރާތީ ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާއަކީ ޚަބަރު ހޯދުމަށާއި، މުޖުތަމައާ ގުޅުން ބަދަހިކުރުމަށް ޒުވާނުންނަށް މުހިންމު ވަސީލަތެއް ކަމަށް އެ ޖަމާއަތުން ފާހަގަކުރިއެވެ. މިދިޔަ އޯގަސްޓް މަހު އޮސްޓްރޭލިއާގެ ދިރާސާވެރިން ކުރި ދިރާސާއަކުން ވެސް ދައްކާފައި ވަނީ، މަނާކުރި ނަމަވެސް ޒުވާނުން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލާފައި ނުވާ ކަމަށެވެ.
އޮސްޓްރޭލިއާ ސަރުކާރުންނާއި އީ-ސޭފްޓީ ކޮމިޝަނަރު ބުނަމުންދަނީ، މި ފިޔަވަޅުތަކަކީ ނުރައްކާތެރި ކޮންޓެންޓްތަކުންނާއި އޮންލައިންކޮށް ކުދިންނަށް ގެއްލުންދޭ ފަރާތްތަކުން ކުޑަކުދިން ސަލާމަތްކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގެ އަލްގޮރިޒަމް އަމިއްލައަށް ނިއްވާލުމުގެ އިޚްތިޔާރު ބޭނުންކުރާ ފަރާތްތަކަށް ދިނުމަށް މަޖުބޫރުކުރާ ގާނޫނެއް ހެދުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
މި މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމެއް އައުމަށް ކިހާ ދުވަހެއް ނަގާނެކަން އަދި ސާފެއް ނުވެއެވެ. މީގެ އިތުރުން ފޭސްބުކާއި އިންސްޓަގްރާމް ހިންގާ މެޓާ ކުންފުންޏާ ދެކޮޅަށް ވެސް، ދެވިހިފާ ގޮތަށް ހަދާފައިވާ ފީޗާތަކުގެ ސަބަބުން ކުޑަކުދިންނަށް ގެއްލުންވާ ކަމަށް ބުނެ އޮސްޓްރޭލިއާގައި ވަނީ ކްލާސް އެކްޝަންއެއް އުފުލައިފައެވެ.