ދުނިޔެ

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ހަތަރު މީހުން ޝަހީދުވެއްޖެ

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ހަތަރު މީހުން ޝަހީދުވެއްޖެ

އިސްރާއިލުން ދިން ހަމަލާއެއްގައި ރޯވި އަލިފާންގަނޑެއް ނިއްވަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ނޮވެމްބަރު 2026، 03:12

03 ނޮވެމްބަރު 2026، 03:12

އިސްރާއީލުން ޣައްޒާއަށް ހޯމަ ދުވަހު ދިން ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ މަދުވެގެން ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ހާމަކޮށްފިއެވެ.

މެޑިކަލް އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް ދިން ދެ ހަމަލާއެއްގައި ދެ މީހުން މަރުވެ ހަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އަލް މަސްދަރު އަވަށަށް ދިން ހަމަލާއެއްގައި ތިންވަނަ މީހަކު ވަނީ މަރުވެފައެވެ. އޭގެ އިތުރުން ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޣައްޒާ ސިޓީގެ ތެލް އަލް ހަވާ އަވަށުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް ދިން ހަމަލާއެއްގައި އިތުރު މީހަކު މަރުވެ، ބައެއް މީހުން ޒަޚަމްވެފައިވެއެވެ. މި ހަމަލާއާ އެކު އެ ދުވަހު މަރުވި މީހުންގެ އަދަދު ވަނީ މަދުވެގެން ހަތަރަކަށް އަރައިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ ސަރަހައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. އިސްރާއީލުން ބުނަމުންދަނީ އެއް އަހަރު ވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ހަމާސް ޖަމާއަތުން އަލުން ހަތިޔާރު އެއްކޮށް ހަމަލާތައް ދެމުންދާ ކަމަށެވެ. އެހެންކަމުން ފަހަކަށް އައިސް އިސްރާއީލުން ވަނީ އެ ޖަމާއަތަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކޮށްފައެވެ.

ހަމާސް ޖަމާއަތުން ވަނީ އެއްވެސް ހަމަލާއެއް ދިނުމަށް ނުވަތަ ހަތިޔާރު އަލުން އެއްކުރުމަށް މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަށް ހުރަސްއަޅައި އެއްބަސްވުން އުވާލަން މަސައްކަތްކުރަނީ އިސްރާއީލުން ކަމަށް ހަމާސްއިން ތުހުމަތުކުރެއެވެ.

އެމެރިކާ މެދުވެރިވެގެން މިދިޔަ އަހަރު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުމަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި، އާންމުން ނެރުމަށްފަހު އިސްރާއީލު ސިފައިން ކޮންޓްރޯލް ކުރަމުންދާ ޣައްޒާގެ ތިންބައިކުޅަ ދެބައި ސަރަހައްދުން ސިފައިން ފޭބުމުގެ ޝަރުތުތަކާ މެދު ދެފަރާތަށް އެއްބަސްވުމަކަށް ނާދެވުމެވެ. މިހާރު ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުންދަނީ ވީރާނާވެފައިވާ އިމާރާތްތަކާއި ފޭލިގެތަކުގައެވެ.

ސިއްހީ އޮފިޝަލުން ހާމަކުރާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1،580 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި މުއްދަތުގައި އެ ގައުމުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވުމާ ގުޅިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި އަސްކަރީ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 74،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450