ޚަބަރު
ޖިންސީ ގޯނާގެ މައްސަލައެއްގައި ކުރީގެ މާލޭ ސިޓީ ކައުންސިލް މެންބަރެއް ހައްޔަރުކޮށްފި
މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް---
ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އައިމަންގެ މައްޗަށް ތުހުމަތުކުރެވޭ މި މައްސަލަ ތަހުގީގު ކުރަމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އައިމަންގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މި މައްސަލަ ފުރަތަމަ ފެންމަތިވެގެން ދިޔައީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއީ އޭނާގެ ކުރީގެ އަނބިމީހާ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ ގުޅިގެންނެވެ.
ފުލުހުން އައިމަން މިއަދު ހައްޔަރުކޮށްފައި މިވަނީ، އޭނާގެ މައްޗަށް ހިންގާ ތަހުގީގު ލަސްވާތީ އާއި، އެހާ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާއިރު ވެސް އޭނާ ހައްޔަރުނުކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލާފައި ހުރުމުން، އެކަމާ ގުޅިގެން އޭނާގެ ކުރީގެ އަނބިމީހާ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ނަމަވެސް، މި މައްސަލަ ފެންމަތިވިތާ މިހާ ގިނަ ދުވަސް ވެގެންދިޔައިރު ވެސް އައިމަން ހައްޔަރުނުކޮށް ލަސްވި ސަބަބަކާ ގުޅޭގޮތުން ފުލުހުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.