ޚަބަރު
ނަޞްރުގެ ދުވަހުގެ ޚާއްޞަ އައްޑަނަ ފަސްބޭފުޅަކަށް އަރުވައިފި
ނަޞްރުގެ ދުވަހުގެ ޚާއްޞަ އައްޑަނަ އެރުވުން / ފޮޓޯ: ރައީސް އޮފީސް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނަޞްރުގެ ދުވަހުގެ ޚާއްޞަ ޝަރަފުގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފިއެވެ.
މި ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އެރުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާގައި، ސިފައިންގެ މައި މަރުކަޒުން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ހިތްވަރާއި ލާމަސީލު ނަމޫނާ ދައްކަވާފައިވާތީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި އައްޑަނަތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ޖަލްސާގައި ނަޞްރުގެ ދުވަހުގެ ޚާއްޞަ އައްޑަނަ އެރުވި ފަސް ބޭފުޅުންނަކީ:
1. ސާރޖަންޓް ފަސްޓް ކްލާސް (ރިޓަޔަރޑް) އިބްރާހިމް ޝަރީފް: އެ މަނިކުފާނަކީ 3 ނޮވެމްބަރުގެ ހަމަލާގައި ރެކީ ޕެޓްރޯލަށް ބޭރަށް ނުކުތުމަށް ނެންގެވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެން، އެއްވެސް ޖެހިލުމެއް ނެތި ޤައުމީ ވާޖިބަށް ނުކުންނެވި ހިތްވަރުގަދަ ބޭފުޅެކެވެ. އިބްރާހިމް ޝަރީފް ވަނީ 4 ނޮވެމްބަރު 1981 އިން ފެށިގެން 4 ޖެނުއަރީ 2012 އާ ހަމައަށް ދިވެހި ސިފައިންގެ ޚިދުމަތުގައި ދެމިހުންނަވާފައެވެ.
2. ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) ޙުސައިން ޢަލީ: ނޮވެމްބަރު 3 ގެ އުދުވާނުގައި ފައިމަގުގައި ރެކީ ޕެޓްރޯލަށް ނުކުތް ދެ ޓީމުގެ ތެރެއިން އެއް ޓީމުގެ ލީޑަރުކަން ކުރެއްވި ޙުސައިން ޢަލީ ވަނީ، ދުޝްމަނުންނާ ކުރިމަތިލުމަށް އެއްވެސް ފަސްޖެހުމެއް ނެތި ނުކުމެވަޑައިގެންފައެވެ. އެ މަނިކުފާނު ސިފައިންގެ ޚިދުމަތުގައި 12 ނޮވެމްބަރު 1962 އިން 11 ނޮވެމްބަރު 2002 އާ ހަމައަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.
3. ސާރޖަންޓް ޙުސައިން މަނިކު: ނޮވެމްބަރު 3 ގެ ހަމަލާގައި ޤައުމުގެ ދިފާޢުގައި ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެން ހިތްވަރު ދެއްކެވި ޙުސައިން މަނިކު ވަނީ 18 ޖޫން 1979 އިން ފެށިގެން 23 ނޮވެމްބަރު 1998 އާ ހަމައަށް ސިފައިންގޭގައި ޚިދުމަތް ކުރައްވާފައެވެ.
4. ކޯޕްރަލް ޢަބްދުﷲ ނަސީމް: ޓާސްކް ފޯސް ޓްރެއިނިންގ ހައްދަވާފައިވާ އަބްދުﷲ ނަސީމަކީ ނޮވެމްބަރު 3 ގެ ހަމަލާ ދިން ވަގުތު ސިފައިންގެ އެތެރޭގައި ހުންނެވި ބޭފުޅެކެވެ. ދުޝްމަނުންގެ ހަމަލާތައް ފެށުމާއެކު ހަތިޔާރު އަޅުއްވައިގެން ސިފައިންގެ މަރުކަޒު ދިފާޢުކުރެއްވުމުގެ އިތުރުން، ރެކީ ޕެޓްރޯލަށް ވެސް ނުކުމެވަޑައިގެންނެވިއެވެ. އެ މަނިކުފާނު ވަނީ 6 ޖުލައި 1976 އިން ފެށިގެން 30 ޑިސެމްބަރު 1990 އާ ހަމައަށް ސިފައިންގެއަށް ޚިދުމަތް ކުރައްވާފައެވެ.
5. ލާންސް ކޯޕްރަލް ޢަބްދުﷲ މުފީދު: ނޮވެމްބަރު 3 ގެ ހަމަލާގައި ދުޝްމަނުންގެ ހަރަކާތްތައް ބެލުމަށް ނުކުތް ރެކީ ޕެޓްރޯލުގައި ބައިވެރިވެވަޑައިގެން ހިތްވަރުގަދަކަމުގެ ނަމޫނާ ދެއްކެވި ޢަބްދުﷲ މުފީދު ވަނީ 27 ފެބުރުވަރީ 1988 އިން 11 ޖެނުއަރީ 1990 އަށް ސިފައިންގޭގައި ޤައުމީ ޚިދުމަތް އަދާކުރައްވާފައެވެ.
މި ޖަލްސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ޚާއްޞަ ޤައުމީ ލަވަ އަލްބަމް ވެސް ނެރެދެއްވާފައެވެ. ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި، ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ޝަހީދުވި އަދި ޖިހާދުކުރެއްވި ބަޠަލުންގެ ޒިކުރާ ވަނީ އާކޮށްފައެވެ.