ޚަބަރު
ޒިންމާތައް މިގެންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާކުރަމުން: ވަޒީރު ސަޢީދު
ވަޒީރު މުޙައްމަދު ސަޢީދު. ފޮޓޯ: ރައީސް އޮފީސް
އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމެނޭ ސުވާލުތަކަށް ޖަވާބުދެއްވަން ތައްޔާރަށް ހުންނެވި ކަމަށާއި، މަގާމުގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ކޮށްފައިވާ ހުވައާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ވަޑައިގެންނެވި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ހުވައާ އެއްގޮތަށް މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ދެއްވިއެވެ.
އަޅުގަނޑު މިއައީ ރައްޔިތުން މަޖިލިސްގެ އެމްޑީޕީ އަށް ނިސްބަތްވާ އިއްޒަތްތެރި މެންބަރުން އަޅުގަނޑުގެ އިތުބާރު ނެތްކަމަށް މަޖިލިސް އަށް ވައްދާފައިވާ މައްސަލާގައި ހިމެނޭ ސުވާލުތަކަށް ޖަވާބުދޭން މަޖިލިސް އަށް. إن شاء الله އަޅުގަނޑު ކޮށްފައިވާ ހުވައާއި އެއްގޮތަށް އަޅުގަނޑުގެ ޒިއްމާތައް މިގެންދަނީ ތެދުވެރި ކަމާއި އަމާނާތް ތެރިކަމާއި އެކު އަދާކުރަމުން.
— Mohamed Saeed (@em_saeed) November 4, 2026
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މިދިޔަ އޮގަސްޓް މަހު ހުށަހެޅި މި މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރު ސައީދަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ.
އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ގާނޫނުއަސާސީން ވަޒީރަކާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގަޔާއި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގައި މިނިސްޓަރު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވަމުންދާއިރު ވެސް އެކަން ހައްލުކުރެވިފައި ނުވުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގެ ބަދަލުގައި ސަރުކާރު ކުންފުނިތައް އާންމު ވިޔަފާރީގެ ތެރެއަށް ވައްދައި ކުދި ވިޔަފާރިތަކަށް ގެއްލުން ދިނުން ވެސް މައްސަލައިގެ ތެރޭގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ބަންކަރިންގެ ހިދުމަތުން 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުމާއި، މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އާއި ޑިވެލޮޕްމެންޓް ބޭންކް އަދި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ފަދަ އިއުލާންކުރި ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް އިސްލާހު ގެނެސް "މޯލްޑިވްސް ޕާލް ރެސިޑެންސް"ގެ ނަމުގައި ހިންގާ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ ދައުލަތުގެ ސިޔާދަތަށް ނުރައްކާވެ، ކަޅު ފައިސާ ދޮވުމަށް މަގުފަހިވާ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީން މި ތުހުމަތުތައް ކުރި ނަމަވެސް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރެސިޑެންސް ބައި އިންވެސްޓްމަންޓް ޕްރޮގްރާމަކީ ރާއްޖެއަށް ފައިދާހުރި ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ތާއީދުކުރައްވައިފައެވެ.