ޚަބަރު
އިހަވަންދޫ މަސް ގަންނަ މަރުކަޒުގެ ބަނދަރު ހެދުމަށް ބޭނުންވާ ޝީޓް ޕައިލްގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި
އިހަވަންދޫ މަސް ގަންަ މަރުކަޒުގެ ބަނދަރުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހއ. އިހަވަންދޫގައި ތަރައްޤީކުރާ މަސް ގަންނަ މަރުކަޒުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލްތަކުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.
މި މަޝްރޫޢަކީ އުތުރުގެ މަސްވެރިން ބާނާ މަސް ކިރުވުމަށާއި ރައްކާކުރުމަށް މާލެ ސަރަޙައްދަށާއި ޅ. ފެޅިވަރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ދަތުރުފަތުރުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި ބަނދަރު ޑިޒައިންކޮށް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކުރީ އޮގަސްޓް 2023 ގައެވެ. މި މަޝްރޫޢުގެ އަގަކީ ގާތްގަނޑަކަށް 60.26 މިލިއަން ދިވެހި ރުފިޔާއެވެ. 500 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަސައްކަތުގެ ސައިޓް އެމްޓީސީސީން މޮބިލައިޒްކޮށް، ކޮނުމުގެ ޚާއްޞަ އުޅަނދުތަކާއެކު ބަނދަރު ފުންކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މެއި 2025 ގައެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑެތި މަސްދޯނިފަހަރަށް ފަސޭހައިން ވަދެނުކުމެވޭނެހެން ފުންމިނުގައި 5.5 މީޓަރު ހުންނަ ގޮތަށް 47,161 ކިއުބިކް މީޓަރުގެ ސަރަޙައްދެއް އަދި 3.5 މީޓަރުގެ ފުންމިނުގައި 3,060 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިމެނޭހެން ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 129 މީޓަރުގެ ޝީޓް ޕައިލް އެއްގަމުތޮށްޓަކާއި، 66 މީޓަރުގެ އެލް-ބްލޮކް އެއްގަމުތޮށްޓެއް ލުމާއި، 42 މީޓަރުގެ ބޭރުތޮށި (ރިވެޓްމެންޓް) ޖެހުން ހިމެނެއެވެ. އަދި ބަނދަރު ސަރަޙައްދުގައި 3,437 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، މޫރިންގ ބޮލާޑް، ވީ-ފެންޑަރ އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި ބަނދަރުގެ މަސައްކަތަކީ ދިވެހި ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން އިހަވަންދޫގައި ތަރައްޤީކުރާ ބިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މައިގަނޑު މެރިން އިންފްރާސްޓްރަކްޗަރއެވެ. މި ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅާފައިވަނީ ޖެނުއަރީ 2025 ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއެވެ. މުޅި ފިޝަރީޒް ކޮމްޕްލެކްސްގެ އަގު 416 މިލިއަނާއި 474 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކަށް އަރައެވެ.
މި މަޝްރޫޢު އެއްކޮށް ނިމި މިފްކޯއިން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ފެށުމުން، 1,000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 50 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމުވެގެންދާނެއެވެ. އަދި މަސް ކިރުމަށް ޚާއްޞަ ޕްލެޓްފޯމްތަކާއި އިންޖީނުގެއާއި ވޯކްޝޮޕް އަދި އިދާރީ އޮފީސްތައް ޤާއިމުކުރެވިގެންދާނެއެވެ. މި މަރުކަޒު ފުރިހަމަ ގޮތުގައި ހިންގަން ފެށުމުން އެ ސަރަޙައްދުން 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، އުތުރުގެ މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.