ޚަބަރު
އަސާސީ މުދަލަށް ނުޖެހި ކާރިސާގެ ތެރެއިން އަރައިގަނެވުނީ ސަރުކާރުގެ ރޭވުންތެރިކަމުގެ ސަބަބުން: ވަޒީރު ސަޢީދު
ވަޒީރު ސަޢީދު. ފޮޓޯ: މަޖިލިސް އިދާރާ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން، ދުނިޔެއަށް ގޭހާއި ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުގެ ރާސްތާއެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންވެސް، ރާއްޖެއިން ތެލާއި ގޭހާއި އެނޫންވެސް އަސާސީ މުދަލަށް ނުޖެހި ކާރިސާގެ ތެރެއިން އަރައިގަނެވުނީ ސަރުކާރުގެ ރޭވުންތެރިކަމުގެ ސަބަބުން ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ، އެ މައްސަލައިގައި ހިމެނޭ ނުކުތާތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ. ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން މި ސަރަހައްދުގެ ގިނަ ގައުމުތަކަށް ތެލާއި ގޭސް ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ރާއްޖޭގެ ރައްޔިތުންނަށް އެފަދަ ދަތިކަމެއް ކުރިމަތިނުވީ ހަނގުރާމަ ފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން ކުރި މަސައްކަތުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބާޒާރުގައި އަސާސީ މުދާ ހުސްނުވެ، އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް މުދާ އިމްޕޯޓުކުރާ ވިޔަފާރިވެރިންނާ ވަރަށް ގާތުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ބާޒާރުން މުދަލެއް ހުސްވެދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެ މުދަލެއްގެ ޝިޕްމެންޓުތައް އަވަހަށް ކްލިއާކޮށް ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދެއްވާ ކަމަށް ވިދާޅުވިއެވެ.
"މީގެ ކުރިން އިމްޕޯޓަރުންނާ ގާތްނުވާ ވަރަށް ސީދާ އަޅުގަނޑު ވާހަކަދައްކަމުން، މިއަދު ހުސްވަނީ ފިޔައި، މާދަން ހުސްވެދާނެ ލޮނުމެދު، އަޅުގަނޑަށް ބައެއް ކަހަލަ ނޫސްތަކުގައި ހުރި މިކަހަލަ ވާހަކަތައް ލިޔެފައި. މާދަން ހުސްވަނީ އޮރެންޖު އަނެއް ދުވަހު އާފަލު މިކަހަލަ ވާހަކަތައް. ހުސްވެދާނެ ކަމަށް ބަލާފަ އަންނަ ބޯޓުފަހަރުން ބައެއް މުދާ ދުރުކޮށްފައި އެސެންޝަލް މުދަލަށް ޖާގަދީފައި ހުންނާނެ. ވަރަށް ހޭންޑްސް-އޮންކޮށް މައިކްރޯ ލެވެލްގައި މިކަންކަން ކޮށްފައި. އެހެންވެ ހާލަތު މެނޭޖުކުރެވިގެންދިޔައީ،"
ވަޒީރު މުޙައްމަދު ސަޢީދު
ސަރުކާރަށް މާލޭ ވިޔަފާރި ބަނދަރު ނުބެލެހެއްޓުމުގެ ސަބަބުން މުދަލުގެ އަގުބޮޑުވަމުންދާ ކަމަށް ބުނެ އިދިކޮޅުން ކުރާ ތުހުމަތުތަކަށް ރައްދުދެއްވަމުން ސައީދު ވިދާޅުވީ، މާލޭ ބަނދަރަށް 40 އަހަރުވީއިރު އިގުތިސާދު ފުޅާވަމުން އަންނަކަން އެނގިތިބެވެސް އެ ބަނދަރު ބޮޑުކުރަން ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ހޮރްމުޒް ކަނޑުއޮޅި ބަންދުވުމުން އިންޑިއާ ކަނޑުގައި މުދާ އުފުލާ ބޯޓުފަހަރު ކޮލަމްބޯއަށް ދާއިރު ރާއްޖެއަށް ނާންނަނީވެސް ރާއްޖޭގެ ބަނދަރު އެ ފެންވަރަށް ތަރައްގީކުރެވިފައި ނެތުމުން ކަމަށް ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށްގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތް ބައްލަވައިލެއްވުމަށް އެމްޑީޕީގެ މެންބަރުންނަށް ދައުވަތު އަރުވަމުން ވަޒީރު ވިދާޅުވީ، ބަނދަރުގެ ތޮއްޖެހުން ކުޑަކުރުމަށް ދޯނިފަހަރުން މުދާ ބޭލުން މިހާރު ތިލަފުއްޓަށް ބަދަލުކުރަމުންދާ ކަމަށާއި، މުޅި މަޝްރޫއު އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށެވެ.