ކުޅިވަރު
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވީއޭއާރު ބޭނުންކުރާނެ
ސާފް ޗެމްޕިއަންޝިޕް 2026 ތައާރަފްކުރުން---
ބަންގްލަދޭޝްގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި "ސެމީ ޕްރޮފެޝަނަލް" ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ސިސްޓަމް ބޭނުންކުރަން ނިންމައިފިއެވެ. މިއީ ސާފް މުބާރާތުގެ ދިގު ތާރީޚުގައި ވެސް މިފަދަ ޓެކްނޮލޮޖީއެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ.
ދެކުނު އޭޝިޔާގެ ފުޓުބޯޅަ ޖަމިއްޔާ (ސާފް) ގެ ޖެނެރަލް ސެކްރެޓަރީ ޕުރްޝޮޓަމް ކަޓޭލް ވިދާޅުވީ، ތަފާތު ސަބަބުތަކާހުރެ މުބާރާތުގައި ފުރިހަމަ ވީއޭއާރު ސިސްޓަމެއް ބޭނުންކުރެވޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން މުބާރާތް ކުޅޭ ދަނޑުތަކުގައި ފުރިހަމަ ވީއޭއާރު ސިސްޓަމެއް އިންސްޓޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި، އެކަމަށް ބޮޑު ޚަރަދެއް ހިނގާނެތީ މި ފަހަރު ބޭނުންކުރަން ނިންމީ ސެމީ ޕްރޮފެޝަނަލް ސިސްޓަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ވީއޭއާރު ބޭނުންކުރަން ފަށާނީ ފުރަތަމަ ހަތަރު މެޗަށް ފަހުގައެވެ. އެގޮތުން ކޮންމެ ޓީމަކުން ވެސް ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުތަކާއި، ސެމީ ފައިނަލްގެ ދެ މެޗުގެ އިތުރުން ފައިނަލް މެޗުގައި މި ސިސްޓަމް ބޭނުންކުރާނެ ކަމަށް ސާފުން މައުލޫމާތު ދެއެވެ.
ކަޓޭލް އިތުރަށް ވިދާޅުވީ، މި މުބާރާތުގައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލިބޭ ތަޖުރިބާއަށް ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި ސާފުން ބާއްވާ އެހެން މުބާރާތްތަކަށް ވެސް މި ސިސްޓަމް ތައާރަފްކުރަމުން ގެންދާނެ ކަމަށެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް 'ބީ' ގައި ދިވެހިރާއްޖެ ހިމެނޭއިރު، މި ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާ އަދި ޕާކިސްތާނެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 8 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވާ ނޮވެންބަރު ގައެވެ.