ކުޅިވަރު
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރައިފި
ޑާކާއަށް ދިއުމަށްޓަކައި ދިވެހި ގައުމީ ޓީމު ވެލާނާ އެއަރޕޯޓުގައި / ފޮޓޯ: އެފްއޭއެމް
މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށްޓަކައި، ރާއްޖޭގެ ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު މެންދުރުފަހު ފުރައިފިއެވެ. މި މުބާރާތުގައި ވާދަކުރާ ޤައުމުތަކުގެ ތެރެއިން ޑާކާއަށް އެންމެ ފަހުން ދިޔަ ޤައުމަކީ ދިވެހިރާއްޖެއެވެ.
މި މުބާރާތަށް ރާއްޖެއިން 23 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައިގެން ބަންގްލަދޭޝަށް ފުރާފައިވާއިރު، މި ސްކޮޑުގައި އެންމެ ގިނައީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިންނެވެ.
ސާފް ޗެމްޕިއަންޝިޕަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން ވަނީ 24 ކުޅުންތެރިންގެ ސްކޮޑަކާއެކު އިންޑޮނީޝިއާގައި ކާމިޔާބު ތަމްރީނު ކޭމްޕެއް ފުރިހަމަކޮށްފައެވެ. އެ ކޭމްޕަށް ދިޔަ ކުޅުންތެރިންގެ ތެރެއިން އެންމެ ފަހު ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން ފުރުސަތު ގެއްލުނީ ބުރު ސްޕޯޓްސް ކްލަބްގެ ޠާއިފް ޤާސިމް އަށެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 8 ވާ ހޮނިހިރު ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗު ނުވަތަ ފަހު މެޗުގައި ރާއްޖެއާ އެންމެ ވާދަވެރި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.