ކުޅިވަރު

ޔޫތު އޮލިމްޕިކްސްގައި ޤައުމީ ރެކޯޑެއް ތަޒްކިޔާ އައުކޮށްފި

ޔޫތު އޮލިމްޕިކްސްގައި ޤައުމީ ރެކޯޑެއް ތަޒްކިޔާ އައުކޮށްފި

އަމްނާ ތަޒްކިޔާ މިރުސާދު---

farudhun logo

ފަރުދުން

04 ނޮވެމްބަރު 2026، 10:43

04 ނޮވެމްބަރު 2026، 10:43

ސެނެގާލްގެ ޑާކާގައި މިހާރު ކުރިއަށްދާ ޔޫތު އޮލިމްޕިކްސް 2026 ގެ 50 މީޓަރު އަންހެނުންގެ ބަޓަފްލައި އިވެންޓުން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ އަމްނާ ތަޒްކިޔާ މިރުސާދު ޤައުމީ ރެކޯޑު އައުކޮށްފިއެވެ.

މިފަހަރުގެ ޔޫތު އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ހަމައެކަނި ފެތުމުގައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ތަޒްކިޔާގެ އިތުރުން ލޫތު މުހައްމަދު ހުސައިންނެވެ.

ތަޒްކިޔާ މި ރެކޯޑު އައުކުރީ 50 މީޓަރު ބަޓަފްލައި އިވެންޓްގައި ވާދަކޮށް 31.04 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ ކުރިންވެސް އޭނާގެ އަތުގައި އޮތް ރެކޯޑެކެވެ. ތަޒްކިޔާ ކުރިން މި ރެކޯޑު ހަދާފައިވަނީ މިއަހަރު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް މުބާރާތުގައި 31.24 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ބަޓަފްލައި އިވެންޓުގެ އިތުރުން ތަޒްކިޔާ ވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައިވެސް ވާދަކޮށްފައެވެ. އެ އިވެންޓުގެ ހީޓް އޭނާ ނިންމީ 28.17 ސިކުންތުންނެވެ. މި އިވެންޓްގެ ޤައުމީ ރެކޯޑުވެސް އޮންނަނީ ތަޒްކިޔާ އަތުގައެވެ. އެއީ މީގެކުރިން ކޮމަންވެލްތު ގޭމްސްގައި 27.99 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދާފައިވާ ރެކޯޑެކެވެ. ޔޫތު އޮލިމްޕިކްސްގެ މި އިވެންޓުގައި ޖުމްލަ 68 ފެތުންތެރިން ވާދަކުރިއިރު، ތަޒްކިޔާ ވަނީ 28 ވަނަ ހޯދައިފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ފެތުންތެރިޔާ ލޫތު މުހައްމަދު ހުސައިން ވަނީ 100 މީޓަރު އަދި 200 މީޓަރު ފިރިހެނުންގެ ބްރެސްޓްސްޓްރޯކް އިވެންޓްތަކުގައި ވާދަކޮށްފައެވެ. ލޫތު ވަނީ 100 މީޓަރު ބްރެސްޓްސްޓްރޯކް ހީޓް ދޭއްގައި ވާދަކޮށް އެއް މިނެޓް 11.50 ސިކުންތުން ރޭސް ނިންމައި ހީޓުގެ ހަތްވަނަ ހޯދައިފައެވެ. އަދި 200 މީޓަރު އިވެންޓުގެ ހީޓް އޭނާ ނިންމީ ދެ މިނެޓް 43.86 ސިކުންތުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެ އިވެންޓުގެ ވެސް ޤައުމީ ރެކޯޑު މިހާރުވެސް އޮންނަނީ ލޫތުގެ އަތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450