ޚަބަރު
އައިޔޫއެމްގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
މި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
އައިޔޫއެމްގެ ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީ (އައިޔޫއެމް) ގެ މިއަހަރު ދަސްވެނިވާ ދަރިވަރުންގެ ތެރެއިން ފުރަތަމަ ދަންފަޅިގައި 98 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.
ދަސްވެނިވުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި ވަނީ މަތީވަނަތަައް ހާސިލްކުރި 9 ދަރިވަރަކަށް އެވޯޑް ދެއްވާފައެވެ. މި އެވޯޑްތައް ދެއްވީ ރައީސްލުޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.

މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ދެ ދަންފަޅިއަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދެ ދަންފަޅީގައި އެކި ކޯސްތަކުން 542 ދަރިވަރަކު ދަސްވެނިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ސެޓްފިކެޓް ލެވެލްތަކުގެ ކޯސްތަކުން ދަސްވެނިވާ 322 ދރިވަރުންނާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން ދަސްވެނިވާ 14 ދަރިވަރުންގެ އިތުރުން ބެޗްލާސް ޑިގްރީ ކޯސްތަކުން 69 ދަރިވަރުންނެވެ. އަދި ޕޯސްޓް ގްރެޖުއޭޓްގެ 5 ދަރިވަރުންނާއި މާސްޓާސް ހެދި 132 ދަރިވަރުންވެސް ދަސްވެނިވާނެއެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިވެހި ދަރިވަރުންގެ އިތުރުން އެ ޔުނިވަރސިޓީގައި ކިޔެވި ބައެއް ބޭރުގެ ދަރިވަރުންވެސް ދަސްވެނިވެފައެވެ. އޭގެ ތެރޭގައި މިޞްރާއި ފަލަސްޠީންގެ ދަރިވަރުން ވެސް ހިމެނެއެވެ.