ޚަބަރު
ނ. ވެލިދޫ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި: ފާރުތައް ރޭނުމާއި ކުޑަދޮރުތަކުގެ މަސައްކަތް ފަށައިފި
ނ. ވެލިދޫ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް. ފޮޓޯ: އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، ނ. ވެލިދޫގައި ޤާއިމުކުރާ ގޮފީގެ ފާރުތައް ރޭނުމާއި ކުޑަދޮރުތަކުގެ އޮނިގަނޑު ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ވެލިދޫ ގޮފީގެ އިމާރާތުގެ ފާރުތައް ރޭނުމުގެ އިތުރުން ކުޑަދޮރުތަކުގެ އޮނިގަނޑުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ސިޔާސަތެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ތިބެގެން ކީރިތި ޤުރުއާން އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ޤުރުއާން ހިތުދަސްކުރާ ޙާފިޡުން އިތުރުކުރުމަށް ހިތްވަރުދިނުމެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ނ. ވެލިދޫ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ފާރުތައް ރޭނުމާއި، ކުޑަދޮރުތަކުގެ އޮނިގަނޑުތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިޔަށް ދަނީ @MMuizzu @presidencymv @Mohamedshaheem1
— Ministry of Islamic Affairs & Endowments (@MVIaffairs) November 5, 2026
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ޅ. ހިންނަވަރު، ސ. ހިތަދޫ، ރ. މަޑުއްވަރީ، ހދ. ވައިކަރަދޫ، ކ. މާފުށި، ގއ. ދާންދޫ، ރ. ރަސްމާދޫ، ލ. މާވަށް، ބ. ތުޅާދޫ، ބ. އޭދަފުށި، ހދ. ނޮޅިވަރަންފަރު، ފ. މަގޫދޫ އަދި ރ. ހުޅުދުއްފާރުގައި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ޤާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދުކުރާ މުބާރާތަކަށް ހެދުމާއި، އެ މުބާރާތަކީ އެންމެ އަގުހުރި އިނާމުތައް ދެވޭ މުބާރާތަށް ވަނީ ހަދާފައެވެ. އަދި ޙާފިޡުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރުމާއި، ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު މަޝްރޫޢުއެއް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.