ދުނިޔެ
މައްކާ ދިފާޢީ އެއްބަސްވުން ތުރުކީގެ ޕާލިމަންޓުން ފާސްކޮށްފި
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރުދޮޣާން، ސައޫދީ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް. ފޮޓޯ:އޭއެފްޕީ
ސަޢޫދީ ޢަރަބިއްޔާއާއި ޕާކިސްތާނާއެކު ޤާއިމުކޮށްފައިވާ ދިފާޢީ އެއްބަސްވުން ތުރުކީވިލާތުގެ ޕާލިމަންޓުން ބުރާސްފަތި ދުވަހު ފާސްކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން މެންބަރު ޤައުމަކަށް ޙަމަލާއެއް އަތުވެއްޖެ ޙާލަތެއްގައި، ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީވިލާތުން އެހީތެރިކަން ފޯރުކޮށްދިނުން ލާޒިމުކުރެއެވެ.
ޔަމަނުގެ ޙޫޘީންގެ ފަރާތުން ރިޔާޟަށް އަމާޒުވަމުންދާ ޙަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ފާސްކުރި މި އެއްބަސްވުމުގައި ތުރުކީން ފުރަތަމަ ސޮއިކުރީ މިދިޔަ އޯގަސްޓު މަހުގައެވެ. ތުރުކީވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި މި އެއްބަސްވުން ފާސްވެގެން ދިޔައީ ވޯޓުގައި ބައިވެރިވި 398 މެންބަރުންގެ ތެރެއިން 279 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާ ދެކޮޅަށް 119 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
ޖުމްލަ 16 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްބަސްވުމުގައި ބައިވެރިވާ އެއްވެސް ޤައުމަކަށް އަސްކަރީ ޙަމަލާއެއް އަތުވެއްޖެނަމަ، އެހެން މެންބަރު ޤައުމުތަކުން ލިބެންހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. މިއީ ނޭޓޯ އެކުލަވާލި މުޢާހަދާގެ ފަސްވަނަ މާއްދާއާ އެއްގޮތްވާ ގޮތަށް ހިމަނާފައިވާ މާއްދާއެކެވެ. މީގެ އިތުރުން ދިފާޢީ އުފެއްދުންތެރިކަމާއި، ޖޮއިންޓް ޓްރެއިނިންގ އަދި އިންޓެލިޖެންސް ޙިއްޞާކުރުން ފަދަ ކަންކަން ފުޅާކުރުމަށްވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
10 އަހަރުގެ މުއްދަތަކަށް ޤާއިމުކުރި މި އެއްބަސްވުމާ ގުޅިގެން، ނޭޓޯއާއި މައްކާ ޕެކްޓްގެ މެންބަރެއްގެ ގޮތުގައި ތުރުކީ އޮތުމުން މަސްލަޙަތު ފުށުއެރުންތަކެއް އަތުވެދާނެކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ތުރުކީ ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި މި އެއްބަސްވުމަށް އެހެން ޤައުމުތަކަށްވެސް ފުރުޞަތު ހުޅުވިފައިވާއިރު، ސޫރިޔާއިންވެސް ވަނީ މީގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ތުރުކީވިލާތުގެ ޕާލިމަންޓުން މި އެއްބަސްވުން ފާސްކުރި ނަމަވެސް، ސަޢޫދީއަށް ތުރުކީގެ ސިފައިން ވަގުތުން ފޮނުވާނެ ކަމަކަށް ނުބެލެވެއެވެ. ތުރުކީގެ ދިފާޢީ ވަޒީރު ޔާޝާރް ގުލާރް މީގެ ކުރިން ވިދާޅުވެފައިވަނީ، ޙޫޘީންނާ ދެކޮޅަށް ހަނގުރާމައަކަށް ވަނުމުގެ ވިސްނުމެއް ނެތް ކަމަށާއި، ތުރުކީގެ އެހީތެރިކަމަކީ ޙަމަލާތައް ހުއްޓުވުމަށް ދެވޭ ބާރެއް ކަމަށެވެ.