ޚަބަރު
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ ޓައި ބީމް ކޮންކްރީޓް އެޅުން ފަށައިފި
ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ނ. ކެނދިކުޅުދޫގައި ޢިމާރާތްކުރާ ޕޮލިސް ސްޓޭޝަންގެ ފައުންޑޭޝަން މަސައްކަތްތަކާއި ފައުންޑޭޝަން ބީމް އަދި ޓައި ބީމް ޝަޓަރިންގގެ މަސައްކަތްތައް އެއްކޮށް ނިންމާލައި، މިހާރު ޓައި ބީމްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ނ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢުގެ އަމާންކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޚާއްޞަކޮށްގެން ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ސައިޓުގެ ބިންގަނޑު އެއްވަރުކުރުމާއި، ކޮނުމުގެ މަސައްކަތުގެ އިތުރުން 12 މައިގަނޑު ފުޓިންގސް އެޅުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ. އެއަށްފަހު ފައުންޑޭޝަން ބީމް އެޅުމާއި ޓައި ބީމްގެ ޝަޓަރިންގ މަސައްކަތްތައް ނިންމައި، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ޢިމާރާތުގެ ބިންގާ ވަރުގަދަކޮށް ހިފަހައްޓައިދޭ ޓައި ބީމްތަކަށް ކޮންކްރީޓް އެޅުމުގެ މަރުޙަލާއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ސައިޓުގައި ފެށުމުގެ ކުރިން ޕްލޭނިންގ އަދި ކުރެހުންތަކާ ގުޅޭގޮތުން ބައެއް އިދާރީ ލަސްތަކެއް ކުރިމަތިވިއެވެ. އެގޮތުން ކެނދިކުޅުދޫ ކައުންސިލުން އެ މަސައްކަތަށް ބިން ހަމަޖައްސައިދީފައި އޮތް ނަމަވެސް، ޢިމާރާތުގެ ފްލޯ ޕްލޭނާއި ފަންގިފިލާތަކުގެ ޢަދަދު ފަދަ ސްޓްރަކްޗަރަލް ތަފްޞީލުތައް ފައިނަލް ކުރުމުގައި ދުވަސްތަކެއް ހޭދަވިއެވެ. ނަމަވެސް، ޑިޒައިންއާ ގުޅޭ އެންމެހައި ކަންކަން ޙައްލުކުރުމަށްފަހު، މިހާރު އެމްޓީސީސީން އަންނަނީ ތާވަލާ އެއްގޮތަށް ބާރުދުވެލީގައި މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި ޓައި ބީމްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ހިކުމުން ފޯމްވޯކްތައް ނެގުމަށްފަހު، ދެން ފެށޭނީ ގްރައުންޑް ފްލޯގެ ތަނބުތަކުގެ ދަގަނޑު ބަނުމާއި ކޮންކްރީޓް އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢު ނިމުމުން، ކެނދިކުޅުދޫގައި ޤާއިމުވެ ތިބޭ ފުލުހުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.