ޚަބަރު
ރަސްމާލެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ
ރަސްމާލެ. ފޮޓޯ: އެމްއެމްޓީވީ
ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ޓަކައި ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
އެ ވުޒާރާއިން ކުރެއްވި އިއުލާނުގައި ވަނީ، އެ ވުޒާރާއިން އެކުލަވާލާފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާ އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތަށް ޝައުޤުވެރިވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ބީލަމާ ގުޅޭގޮތުން އެއްވެސް ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ނަމަވެސް، ޕްރޮޕޯޒަލް ތައްޔާރުކުރުމަށް ޓަކައި ސާފުކުރަން ބޭނުންވާ އެއްވެސް ސުވާލެއް އޮތްނަމަ ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، 16 ނޮވެންބަރު 2026 ވާ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 02 ޑިސެންބަރު 2026 ވާ ދުވަހުގެ ހެނދުނު 09:00 ގައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގައެވެ.
ރަސްމާލެ މަޝްރޫޢަކީ ފުށިދިއްގަރު ފަޅުން 1010 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ ރަސްމާލެއިން 200,000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.
އަދި ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި "އިކޯ-ސިޓީ" އެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. އެގޮތުން އެ ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތަކާއި، ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަދަ (އެކްސިސިބަލް) ވަސީލަތްތައް ޤާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ތެރެއިން 500 ހެކްޓަރުގެ ބިން ކަނޑައަޅާފައި ވަނީ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ޓަކައި އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމީ އެއްބަސްވުމަކާ ހަމައަށް ވާޞިލުވުމުގެ ގޮތުން ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ވަނީ ސޮއިކުރެވިފައެވެ.
މި އެއްބަސްވުމުގެ އެންމެ ފަހުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ މަޝްވަރާތައް މިހާރު ވެސް ދަނީ ކުރިއަށެވެ. މީގެއިތުރުން، މި ބިޔަ މަޝްރޫޢަށް އެކަށޭނަ ޤާނޫނީ ބާރުވެރިކަން ހޯދައިދިނުމަށް، ރިއަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.