ޚަބަރު
ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރިސޯޓުތައްވެސް ހަރުދަނާކަމާއެކު އޮޑިޓްކުރަން ޖެހޭ: ގަވަރުނަރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު. ފޮޓޯ: މަޖިލިސް
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަންމަތީ ފިހާރަތަކުގެ އިތުރުން ރިސޯޓުތައްވެސް ހަރުދަނާކަމާއެކު އޮޑިޓްކުރަން ޖެހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަހަރަކު ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރު ވަންނަކަން ފާހަގަކުރައްވަމުން ގަވަރުނަރު ވިދާޅުވީ، އޭގެ ތެރެއިން ރަސްމީ ބޭންކިން ނިޒާމަށް މިހާރު ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މޮނިޓާކުރަން އެބަޖެހޭ އިނގޭތޯ، މޮނިޓާނުކުރީމާ ވާ ގޮތަކީ އެ ޑޮލަރެއް ނުވަދޭ ރާއްޖޭގެ ބޭންކިން ސިސްޓަމަކަށް. ބޭންކިން ސިސްޓަމަށް ނުވަންޏާ ވާނެ ގޮތަކީ އެ ދައުރެއް ނުވާނެ ނޫންތޯ ރާއްޖޭގައި،"
ގަަވަރުނަރު ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި އޮޕަރޭޓްކުރާ 185 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ގަވާއިދުން ދައްކަނީ އެންމެ 50 ވަރަކަށް ރިސޯޓުންނެވެ. ބާކީ ހުރި ގިނަ ރިސޯޓުތަކުން ފައިދާ ނުވާކަމަށް ދައްކާތީ ނުވަތަ ޓެކްސް ނުދައްކާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި، މީރާއިން ރިސޯޓުތަކުގެ މާލީ ހިސާބުތައް ވަރަށް ގާތުން ބަލައި އޮޑިޓްކުރުން ކޮންމެހެން މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަށް ވަންނަ ކޮންމެ ޑޮލަރަކީ ރަސްމީ ނިޒާމުގެ ތެރެއިން ދައުރުވާ ފައިސާއަކަށް ހެދުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތްތައް އަންނަ އަހަރު އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. ބޭންކިން ނިޒާމަށް ޑޮލަރު ނުވަންނަނަމަ، އިގުތިސާދުގެ ތެރޭގައި އެ ފައިސާ ދައުރުނުވާނެ ކަމަށާއި، މިއީ އެއް ދުވަހުން ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑޮލަރުގެ ރަސްމީ އަގު ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މާކެޓުގެ އޮއިވަރަށް ދޫކޮށްލުމާ (ފްލޯޓް ކުރުމާ) ގުޅޭ ގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ޑޮލަރުގެ އަގު މައިގަނޑު ގޮތެއްގައި ކަނޑައަޅަމުން ދަނީ ކަޅު ބާޒާރުގައި ކަމަށްވާތީ، މި ދަނޑިވަޅުގައި ޑޮލަރުގެ އަގު ފްލޯޓް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ.