ޚަބަރު
ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ މަޝްރޫއު އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ
ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޯރުކޮށްދިެނީ - ފޮޓޯ: ވަގުތު
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަވަހަށް ބޭސް ފޯރުކޮށްދިނުމުގެ ގޮތުން، ޑްރޯން މެދުވެރިކޮށް ބޭސް އުފުލުމުގެ ޕައިލެޓް މަޝްރޫއެއް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަން ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އެ ކުންފުނީގެ މައި ގުދަން ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިން، ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހުމަދު އިމާދެވެ.
އިމާދު ވިދާޅުވީ، ރަށްރަށަށް ދިމާވާ ބޭހުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ޑްރޯން ބޭނުންކޮށްގެން އެއް ރަށުން އަނެއް ރަށަށް ބޭސް ގެންދިއުމުގެ ޓެސްޓް ދަތުރުތައް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށެވެ. އަދި މި ޕައިލެޓް ޕްރޮޖެކްޓްގެ ނަތީޖާއަށް ބެލުމަށްފަހު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ހިދުމަތް ފުޅާކުރުމަށް ރޭވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ދެނެގަތުމަށްޓަކައި މިއަހަރުގެ އޭޕްރީލް މަހު ހާއްސަ ނިޒާމެއް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވަމުން އިމާދު ވިދާޅުވީ، އެ މައުލޫމާތުތަކަށް ބިނާކޮށް ޕްލޭނިން އަދި ޕްރޮކިއުމަންޓް ޓީމުތައް ގުޅިގެން އަސާސީ ބޭސްތައް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށެވެ.
ބަލިމީހުންނަށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިމާދު ވަނީ އެފަދަ ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާފައެވެ. ނަމަވެސް ސަޕްލައި ޗެއިންއަށް ދިމާވި ހުރަސްތައް މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، ރާއްޖެއިން ލިބެން ނުހުންނަ ބޭސްތައް ގިނަވެގެން ދެ ހަފުތާގެ ތެރޭގައި ރާއްޖެއިން ބޭރުން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ހުރިހާ ފާމަސީތަކެއް މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރެވުނު ފަހުން ހިދުމަތްތައް ވަރަށް ބޮޑަށް ހަމައަކަށް އެޅިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އަސާސީ ބޭހުގެ ސްޓޮކް އިތުރުކުރުމުގެ ގޮތުން މިދިޔަ ހަފުތާގައި ވެސް ގިނަ އަދަދެއްގެ ބޭސް އެތެރެކޮށްފައިވާއިރު، މި މަސް ނިމުމުގެ ކުރިން އިތުރު ޝިޕްމަންޓްތައް ލިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ، އޮންލައިންކޮށް ބޭހަށް އެދި ހުށަހެޅޭނެ ލުއިފަސޭހަ ނިޒާމެއް ތައާރަފުކުރުން ހިމެނޭހެން، އަންނަ އަހަރަށް ގިނަ ޓެކްނޮލޮޖީ ޕްލޭންތަކެއް އެކަށައަޅާފައިވާ ކަމަށެވެ.