ޚަބަރު
ސާފު އަދި ވިލުންވެރި ތިމާވެއްޓެއް ބިނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ސާބިތުކަންމަތީ ދެމިއޮންނާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ތުރުކީގެ ރައީސް އުރުދުގާން އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލްއާއެކު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ސާފު ހަކަތައަށް ބަދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، ސާފު އަދި ވިލުންވެރި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކުގައި ސާބިތުކަންމަތީ ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޕް31 ސަމިޓްގެ ހައިލެވެލް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ސާފު ހަކަތައަށް ވާސިލުވުމަކީ ހަމައެކަނި ތިމާވެއްޓަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިޤްތިޞާދު ހިމާޔަތްކުރުމުގެ އިތުރުން ރައްޔިތުންނަށް އިތުބާރު ހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުމަށް ވެސް ކޮންމެހެން މުހިންމު ކަމެކެވެ.
ރާއްޖެއަކީ ބޭރުން އެތެރެކުރާ ތެލަށް ބޮޑުތަނުން ބަރޯސާވެފައިވާ ޤައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް އަމާޒު ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ލަނޑުދަނޑިއެއް ކަނޑައަޅާފައިވާކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، މި އަމާޒަށް ވާސިލުވުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި ހަކަތަ ރައްކާކުރާ ނިޒާމުތައް ރާއްޖޭގެ ރަށްރަށުގައި ޤާއިމުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ.
ނަމަވެސް، މި ބަދަލު ގެނައުމުގައި ގޮންޖެހުންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން ވަކިވަކިން ބެހިފައި އޮތުމުގެ ސަބަބުން، ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު ހަކަތައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަށާއި އެ ވަސީލަތްތައް ބެލެހެއްޓުމަށް ބޮޑު ހޭދައެއް ހިނގާކަން ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން، ރާއްޖެއިން މިހާރު ވަނީ 2024 އިން 2033 އަށް ހަކަތައިގެ ދާއިރާއަށް ޚާއްޞަ ރޯޑްމެޕެއް އެކުލަވާލައި އިފްތިތާޙު ކޮށްފައެވެ. މި ރޯޑްމެޕަކީ ތެލަށް ބިނާވެފައިވާ ހަކަތައިގެ ނިޒާމުތައް ދޫކޮށް، ދެމެހެއްޓެނިވި، ޚަރަދު ކުޑަ އަދި ވިލުންވެރި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކަށް ބަދަލުވުމަށް އެކަށައަޅާފައިވާ ހަރުދަނާ އޮނިގަނޑެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ހޯދުމަށާއި، އަތްފޯރާ ފަށުގައި މާލީ އެހީތެރިކަން ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުރު އެއްބާރުލުމަށް ގޮވާލެއްވިއެވެ.
ދުނިޔޭގެ ފެންވަރުގައި ސާފު ހަކަތައަށް ވާސިލުވުމަށް ކުރާ މަސައްކަތުގެ ކާމިޔާބީ މިނެކިރޭނީ އަޅުގަނޑުމެން އިޢުލާންކުރާ އަމާޒުތަކަކުން ނޫން. އޭގެ ބަދަލުގައި، އެ އަމާޒުތައް ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެންގެ ކިބައިގައި ހުރި ޤާބިލުކަމަކުން.
ރައީސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ސާފު އަދި ވިލުންވެރި މުސްތަޤުބަލެއް ހޯދުމަށް ކަމަށާއި، މި ބައިވެރިވާ ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.