Ads by Ministry of Arts, Culture and Heritage

ޚަބަރު

ވީއައިއޭގައި ޓީއެމްއޭގެ ސީޕްލޭނަކަށް ހާދިސާއެއް ދިމާވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ވީއައިއޭގައި ޓީއެމްއޭގެ ސީޕްލޭނަކަށް ހާދިސާއެއް ދިމާވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ޓީއެމްއޭގެ ސީ ޕްލޭނެއް ދިޔަވި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް އެމްއޭސީއެލްއިން ބުނޭ:ފޮޓޯ:ވިޝުއަލް ރޭޑިއޯ ޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

11 ނޮވެމްބަރު 2026، 07:05

11 ނޮވެމްބަރު 2026، 07:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ޓެކްސީ ކުރަމުން ދަނިކޮށް ދިޔަވި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު ގާތްގަނޑަކަށް 14:25 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ދިމާވާން މެދުވެރިވީ ސީޕްލޭން ޓެކްސީ ކުރަމުން ދިޔަ ވަގުތު އޭގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެ، ބޯޓަށް ފެން ވަންނަން ފެށުމުންނެވެ. ހާދިސާ ހިނގި ވަގުތު ފްލައިޓްގެ ފަޅުވެރިންގެ އިތުރުން ފަތުރުވެރިން ވެސް ބޯޓުގައި ތިބި ކަމަށް ވަނީ އެނގިފައެވެ.

ހާދިސާއާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުންފުނީގެ އެއާޕޯޓް އެމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ބޭނުންވާ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ.

މީގެއިތުރުން، އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރައެވެ. އަދި ވޯޓާ އެއިރޯޑްރޯމްގެ ދަތުރުތަކާއި ޚިދުމަތްތައް މެދުނުކެނޑި، އާންމު އުސޫލުން މިހާރުވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޓީއެމްއޭއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ހާދިސާ ދިމާވުމާއެކު އިސްކަންދެވުނީ ބޯޓުގައި ތިބި މީހުންގެ ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކްރޫއިން ސަލާމަތްތެރިކަމާއެކު ބޯޓުން ބާލާފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް ފަށައިގެން ކުރިއަށްދާ ކަމަށްވެސް ޓީއެމްއޭއިން ވަނީ ބުނެފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450