ދުނިޔެ

އިސްރާއީލުގެ ހަމަލާއެއްގައި ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މަހްމޫދު ކަމާލް ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާއެއްގައި ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މަހްމޫދު ކަމާލް ޝަހީދުވެއްޖެ

ޝަހީދުވި ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މަހްމޫދު ކަމާލް. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2026، 10:02

12 ނޮވެމްބަރު 2026، 10:02

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ޒުވާން ގޯލްކީޕަރު މަހްމޫދު ކަމާލް ފާރިސް އަބްދުލްމާލިކް ޝަހީދުވެއްޖެ ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ކަށަވަރުކޮށްދީފިއެވެ.

 ޣައްޒާ ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަދި ފުރަތަމަ ޓީމުގެ ގޯލްކީޕަރު އަބްދުލްމާލިކް ޝަހީދުވީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ސަބްރާ އަވަށަށް އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާގައެވެ.

އުމުރުން 20 އަހަރުގެ އަބްދުލްމާލިކަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި ކުޅިވަރުގެ ދާއިރާގެ 1،017 ވަނަ މީހާއެވެ. އޭނާ ޝަހީދުވެފައި މިވަނީ، 2023 އޮކްޓޫބަރުން ފެށިގެން މިހާތަނަށް ޝަހީދުވި ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންގެ ހަނދާނުގައި ބޭއްވި "ތައުޒަންޑް މާޓާސް ކަޕް" ގެ ފައިނަލް މެޗުގައި އޭނާ ކުޅުނުތާ އެންމެ ފަސް ދުވަސް ފަހުންނެވެ. އެ މުބާރާތުގެ ޣައްޒާ އަދި އުތުރު ޣައްޒާ ޑިވިޝަނުގެ ދެވަނަ ހޯދީ އަބްދުލްމާލިކް ކުޅެމުންދިޔަ ޣައްޒާ ސްޕޯޓްސް ކްލަބެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާގެ އިތުރުން ލުބުނާނުގައި ތިބި ފަލަސްތީނު ރެފިއުޖީ ކޭމްޕުތަކުން 200 އަށް ވުރެ ގިނަ ކްލަބު ބައިވެރިވި މި މުބާރާތާ ގުޅޭގޮތުން ޕީއެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވީ، މި މުބާރާތުން ދައްކުވައިދިނީ ފަލަސްތީނުގެ ރައްޔިތުންގެ ގައުމީ އަޒުމް ގުޑުވާނުލެވޭނެ ކަމާއި ކުޅިވަރަކީ އަދިވެސް އުންމީދާއި ދިރުމުގެ ރަމްޒެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެވެ.

އަބްދުލްމާލިކް ޝަހީދުވުމުގެ ދުވަސްކޮޅެއް ކުރިން، ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި އެކުވެރިންނާއެކު ފުޓްބޯޅަ ކުޅެން ހުއްޓާ އުމުރުން 15 އަހަރުގެ މުހައްމަދު ނިދާލް ބަރްބަކް ވެސް ވަނީ އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. މި ހާދިސާތަކާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ގަވާއިދުތަކާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާއިރު ވެސް އެ އިދާރާއިން ފިޔަވަޅު ނާޅާތީ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ކުޅިވަރު އުމްރާނީ ވަސީލަތްތައް ސުންނާފަތިވެފައިވާއިރު، ޣައްޒާގައި ހުރި 56 ކްލަބުގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލަބާއި ފީފާގެ އެހީގައި ހަދާފައިވާ 20 ފުޓްސަލް ދަނޑު ވަނީ ހަލާކުކޮށްލާފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން، 2023 އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި 74،645 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450