ދުނިޔެ
އެމެރިކާގެ އިންތިޚާބުގެ ނަތީޖާއިން ލުބުނާނަށް ފައިދާ ކުރާނެ ކަމަށް ހިޒްބުﷲގެ ވެރިޔާ ވިދާޅުވެއްޖެ
ހިޒްބުﷲގެ ވެރިޔާ
އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއާއި އިސްރާއީލުގެ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެކަށީގެންވާ ކާމިޔާބީއެއް ނުލިބުމަކީ ލުބުނާނަށް ލިބުނު ހެޔޮ ފުރުސަތެއް ކަމަށް ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ވީޑިއޯ ލިންކު މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ޤާސިމް ވަނީ އެމެރިކާގެ އިންތިޚާބުގެ ނަތީޖާއަކީ ބޮޑު "ބިންހެލުމެއް" ކަމަށާއި، އިސްރާއީލުގެ އިންތިޚާބަކީ ނަތަންޔާހޫއަށް ލިބުނު ބޮޑު "ބަލިވުމެއް" ކަމަށް ސިފަކުރައްވާފައެވެ. އޮކްޓޫބަރު 27 ގައި ބޭއްވި އިސްރާއީލުގެ އިންތިޚާބުގައި ވެރިކަން ދެމެހެއްޓުމަށް ބޭނުންވާ 61 ގޮނޑި ނަތަންޔާހޫގެ އިއްތިހާދަށް ކާމިޔާބެއް ނުކުރެވުނެވެ. ޤާސިމް ވިދާޅުވީ މި ނަތީޖާތަކަކީ އެމެރިކާގެ ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހިޒްބުﷲގެ ހަތިޔާރު ނެގުމަށް ކުރަމުންދާ މަސައްކަތްތަކަށް ލުބުނާނުން ދެކޮޅު ހަދަންވީ ވަގުތުކަން އަންގައިދޭ ނިޝާނެއް ކަމަށެވެ.
“އަޅުގަނޑުމެން އެންމެން އެކުވެ ގައުމު އަލުން ބިނާކުރަން އަންނާށެވެ. ނާކާމިޔާބީގެ އަނދިރިކަމުން ގައުމު ސަލާމަތްކޮށް، ފިތުނަ އުފައްދާ ފަރާތްތަކާއި އެމެރިކާގެ ބާރުގެ ދަށަށް ދާން އެދޭ މީހުންގެ ބޭކާރު ވާހަކަތަކުން ގައުމު ރައްކާތެރިކުރަން ޖެހެއެވެ. ލުބުނާނަކީ އަޅުގަނޑުމެން އެންމެންގެ ގައުމެކެވެ. ގައުމު ބިނާކުރުމާއި މިނިވަންކަން ދިފާއުކުރުމުގައި އަޅުގަނޑުމެންނަކީ ބައިވެރިންނެވެ،” ޤާސިމް ވިދާޅުވިއެވެ.
ހަތިޔާރު ދޫކޮށްލުމަށް ދެކޮޅުހެދުން
އެމެރިކާގެ ވާގިވެރިކަން އޮންނަ ލުބުނާނުގެ ރައީސް ޖޯސެފް އަޢޫން، ހިޒްބުﷲގެ ހަތިޔާރު ދައުލަތަށް ދޫކޮށްލުމަށް ކުރައްވާ ޑިމާންޑުތަކަށް އެ ޖަމާއަތުން ވަނީ ދެކޮޅު ހަދާފައެވެ. އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތައް އަދިވެސް ހިފާފައި އޮތްކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، އިސްރާއީލުގެ އިސްތިއުމާރު ދެމިއޮތްހާ ހިނދަކު ހިޒްބުﷲގެ ހަތިޔާރު އަތުލުމާއި މަނާކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
2024 ވަނަ އަހަރު އިސްރާއީލުން ހިޒްބުﷲގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރުﷲ އަދި އޭނާގެ ފަހުން އައި ހާޝިމް ޞަފިއްޔުއްދީން އަވަހާރަކޮށްލުމާ ގުޅިގެން ޤާސިމް ވަނީ މަގާމާ ހަވާލުވެވަޑައިގެންފައެވެ. މިއަހަރުގެ ފެބުރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ކުއްލި ހަމަލާއެއްދީ އެގައުމުގެ ރޫހާނީ ލީޑަރު ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ހިނގަމުންދާ ހަނގުރާމައިގައި، ހިޒްބުﷲއިން ރައްދު ދިނުމުގެ ސަބަބުން އިސްރާއީލުން ވަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ލުބުނާނުން 4,300 އަށްވުރެ ގިނަ މީހުން ޝަހީދުވެ، އެއް މިލިއަނެއްހާ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މީގެއިތުރުން، އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެމެރިކާއާއި އިސްރާއީލުގެ ނުފޫޒު ކުޑަވެގެންދާނެ ކަމަށް ވިދާޅުވެ ޤާސިމް ވަނީ އެކަމަށް ތައުރީފު ކުރައްވާފައެވެ. ރިޕަބްލިކަން ޕާޓީއަށް އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ވީ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އިސްރާއީލުގެ މަގްސަދުތަކަށް ވާގިވެރިވާ ފަދަ އެއްބަސްވުންތައް ނުހެދުމަށާއި، ގައުމުގެ އެތެރޭގެ މައްސަލަތަކަށް ސަމާލުކަން ދިނުމަށް ލުބުނާނުގެ ސަރުކާރަށް ޤާސިމް ވަނީ ގޮވާލައްވާފައެވެ. ޖޫން މަހު އެމެރިކާ މެދުވެރިވެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އިސްރާއީލުން އަދިވެސް ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.