Ads by Farudhun

ޚަބަރު

ތަރައްގީގެ ބައިވެރިން ހިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން ކުދި ޖަޒީރާތަކަށް އޮންނަންޖެހޭ: ރައީސް

ތަރައްގީގެ ބައިވެރިން ހިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން ކުދި ޖަޒީރާތަކަށް އޮންނަންޖެހޭ: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ނޮވެމްބަރު 2026، 11:50

12 ނޮވެމްބަރު 2026، 11:50

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ތަރައްގީގެ ބައިވެރިން އަމިއްލައަށް ކަނޑައެޅުމުގެ އިޚްތިޔާރާއި ހައްގު ކުދި ޖަޒީރާ ގައުމުތަކަށް ފުރިހަމައަށް ލިބިދޭންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ސަމިޓުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެ ފަދަ މިނިވަންކަމެއް ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ ނިޒާމެއް ގާއިމުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މޫސުމީ ގޮންޖެހުންތަކާ ކުރިމަތިލާއިރު ރާއްޖެއިން އެދެނީ ހަމައެކަނި ހަމްދަރުދީއަކަށް ނޫންކަން ހާމަކުރައްވަމުން، ރައީސް ވިދާޅުވީ ދިވެހިރާއްޖެއިން ވަކާލާތު ކުރަނީ އިންސާފާއި، ބައިނަލްއަގުވާމީ އެއްބަސްވުންތަކުގެ ދަށުން ވެފައިވާ ވައުދުތައް ފުއްދުމުގައި ޒިންމާދާރުކަން އިސްކުރުމަށް ކަމަށެވެ.

މީގެއިތުރުން، މޫސުމީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމަށް މުއްސަނދި ބޮޑެތި ގައުމުތަކަށް ގޮވާލައްވަމުން، ކުދި ގައުމުތަކުގެ ހުރި ނާޒުކު ހާލަތްތަކަށް ރިއާޔަތްކޮށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އަލުން މުރާޖައާކޮށް އިސްލާހުކުރުމަށް ވެސް ރައީސް ގޮވާލެއްވިއެވެ. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުން މޫސުމީ މަޝްރޫއުތަކާއި އިންވެސްޓްމަންޓްތައް ވަޒަންކުރާ އުސޫލުތައް ބަދަލުކޮށް، އެކަށީގެންވާ ފައިސާއާއި ޒަމާނީ ޓެކްނޮލޮޖީ ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަމިޓުގައި ބައިވެރިވި އެހެން ކުދި ޖަޒީރާ ގައުމުތަކުގެ ވެރިންވެސް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މާޝަލް އައިލެންޑްސްގެ ރައީސް ހިލްޑާ ހައިން ދެއްކެވި ވާހަކަފުޅުގައި، މޫސުމީ މަޝްވަރާތަކުގައި އެންމެންގެ އަޑު އެއްސެވުމުގެ ގޮތުން ޓައިވާނަށް ވެސް ފުރުސަތު ދިނުމަށް ގޮވާލެއްވިއެވެ. އަދި ދަލި އުފެއްދުމާއި ގޭސް އެކްސްޕޯޓްކުރުމާ ދެކޮޅަށް ޕެސިފިކް ސަރަހައްދުގެ ގައުމުތައް ސާބިތުވެ ތިބިކަން ހަނދާންކޮށްދެއްވަމުން، އެއްވެސް ގައުމަކަށް އަމިއްލަ ތަރައްގީގެ ނަމުގައި އަވަށްޓެރި ގައުމުތަކުގެ ވެށި ތަގައްޔަރުކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު 2035 ވަނަ އަހަރާ ހަމައަށް އެޑެޕްޓޭޝަން ފަންޑު އަހަރަކު 120 ބިލިއަން ޑޮލަރަށް އިތުރުކުރުމަށާއި، ގެއްލުންތަކުގެ ބަދަލުދޭ ފަންޑު (ލޮސް އެންޑް ޑެމޭޖް) ކުދި ގައުމުތަކަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދިވަޑައިގަތެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޕަލާއުގެ ރައީސް ސުރަންގެލް ވިޕްސް ޖޫނިއާ ވެސް ވަނީ އދ. އާއި ކޮޕް ބައްދަލުވުންތަކުގައި ޓައިވާން ބައިވެރިކުރުމަށް ތާއީދުކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ކުދި ގައުމުތަކުން އުފެއްދި ކާރިސާއަކަށް ނުވާއިރު، މި ކާރިސާއިން ސަލާމަތްވެވޭނީ ސުލްހައިގެ އެއްބަސްވުންތަކަށް ވުރެ ބޮޑަށް އަވަސް ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެހެންކަމުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށާއި، އިއާދަކުރަނިވި ހަކަތައާއި ކަނޑުތައް ހިމާޔަތްކުރުމަށް އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މައިކްރޮނީޝިއާގެ ރައީސް ވެސްލީ ސިމީނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވީ މީތޭން ގޭސް މަދުކުރުމަށާއި ހަކަތައިގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އަދި ބޯފެނުގެ ރައްކާތެރިކަމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އިތުރުން ކާބޯތަކެއްޗާއި އާންމު ސިއްހަތަށް އިސްކަންދީގެން ކުދި ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަށް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ ޕެސިފިކް ގައުމުތަކުން މި ސަމިޓުގައި ބައިވެރިވަނީ ހަމައެކަނި ލިބޭ ގެއްލުންތަކުގެ ޝަކުވާކުރަން ނޫން ކަމަށާއި، ވަރުގަދަ އަޒުމަކާއި ހައްލުތަކަކާ އެކުގައި ކަމަށެވެ.

މީގެއިތުރުން، މިދިޔަ ހޯމަ ދުވަހު ނޭޕާލުގެ ފޮރިން މިނިސްޓަރު ޝިޝިރު ޚާނާލް ވަނީ ފާއިތުވި އޮގަސްޓް މަހު އެ ގައުމަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ފާހަގަކުރައްވައި، ދުނިޔޭގެ ހަމްދަރުދީ އަމަލީ މަސައްކަތަކަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ފަރުބަދަމަތީގެ ސަރަހައްދުތަކަށް ދިމާވާ މޫސުމީ މައްސަލަތަކަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލުމަށާއި، 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް އެންމެން ގުޅިގެން މަސައްކަތްކޮށް، ނޭޕާލް އަލުން އާރާސްތުކުރުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ދިނުމަށް އޭނާ އެދިވަޑައިގަތެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450