Ads by Farudhun

ޚަބަރު

ހުރަވީ ދުވަހުގެ ބަޠަލު ދެއްކެވި މިސާލުން ޢިބުރަތް ލިބިގަނެ، ޤައުމު އިސްކުރަންޖެހޭ: ވަޒީރު ހީނާ

ހުރަވީ ދުވަހުގެ ބަޠަލު ދެއްކެވި މިސާލުން ޢިބުރަތް ލިބިގަނެ، ޤައުމު އިސްކުރަންޖެހޭ: ވަޒީރު ހީނާ

ވަޒީރު ހީނާ ވަލީދު. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2026، 12:10

12 ނޮވެމްބަރު 2026، 12:10

ހުރަވީ ދުވަހުގެ ބަޠަލު ދެއްކެވި މިސާލުން ޢިބުރަތް ލިބިގަނެ، ދިވެހި ކޮންމެ ރައްޔިތަކުވެސް ޤައުމު އިސްކޮށް، ކާބަފައިންގެ ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓަންޖެހޭ ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނަކީ މުޅި ދިވެހި އުއްމަތަށް ނަމޫނާ ދެއްކެވި އަދި ޢިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް ދޫކުރެއްވި ޝަޚުސިއްޔަތެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އަޚުލާޤުގެ ހަރުދަނާކަމާއި މިސާލީ ދިރިއުޅުމެއް ސާބިތުކޮށްދެއްވި ބަޠަލެއްކަން ފާހަގަކުރެއްވިއެވެ.

ދޮންބަންޑާރައިން ދެއްކެވި މަތިވެރި ނަމޫނާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެމަނިކުފާނު ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނުވަތަ ހޯދިދާނެ ޝަރަފަކަށް ނޫން ކަމަށެވެ.

ދިވެހި ތަޚުތު އެމަނިކުފާނަށް ވެދުން ކުރެވުނު ހިނދު ކުރެއްވީ އިންކާރު. އެހެންނަމަވެސް އަމާނަތްތެރިކަން އިސްކުރައްވާ ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވި. އަމިއްލަފުޅަށް މިލްކު ކުރެވޭން އޮތް ވެރިކަމަށް އެ ރަދުންގެ ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވީ. މިހެންކަމުން އަޅުގަނޑު ދަންނަވާނީ ދޮން ބަންޑާރައިންނަކީ ބަޠަލެއްގެ އައުލާ މިސާލްކަމުގައި،

ވަޒީރު ހީނާ


ރާއްޖޭގެ ތާރީޚުގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ 274 އަހަރު ކުރިން 1752 ޑިސެމްބަރު 18 ވަނަ ދުވަހުގެ ރޭ ހޮޅީން ރާއްޖެއަށް ޙަމަލާދިނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި މާލޭގެ ޚަތީބު އަޙްމަދު މުޙްޔިއްދީންގެ ޚިޔާނާތްތެރި ރޭވުމުގެ ދަށުން ކަމަށެވެ. އެ ހަމަލާގައި ޝާހީ ގަނޑުވަރާއި މާލޭގެ ގޭގޭގައާއި މިސްކިތްތަކުގައި އަލިފާން ރޯކޮށް، ދިވެހި ރަސްގެފާނު މުކައްރަމު މުޙައްމަދު ޢިމާދުއްދީން އަސީރެއްގެ ގޮތުގައި ގެންދިޔަ ކަމަށް ވިދާޅުވިއެވެ. އަދި ތިން މަހެއްހާ ދުވަހު ހޮޅީންގެ އަތްދަށުގައި ރާއްޖެ އޮތުމަށްފަހު، ދޮންބަންޑާރައިން 200 އެއްހާ ބޭކަލުންގެ ލަޝްކަރަކާއެކު ނިކުމެވަޑައިގެން، 1753 އެޕްރީލް 7 (3 ޖުމާދިލްއާޚިރާ 1166) ގައި ރާއްޖެ އަލުން މިނިވަންކުރެއްވިކަން ވަޒީރު ހަނދާން އާކުރެއްވިއެވެ.

މިފަދަ ތާރީޚީ މުނާސަބަތެއް ފާހަގަކުރާއިރު ކޮންމެ ދިވެއްސަކުވެސް ޤައުމީ ވާޖިބު އަދާކުރަންޖެހޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ:

"މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ ޢިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރި. އެއީ ޤައުމުދެކެ ލޯބިވާން. ޤައުމު އިސްކުރަން. އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދަމަހައްޓާން."
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ސިޔާސަތު ބިނާވެފައިވަނީ ޢުމްރާނީ އަދި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން، ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ އިތުރުން "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އަންނަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙު ކުރަން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، 2040 ވަނަ އަހަރަށް އެކަށައަޅާފައިވާ ތަސައްވުރާއެކު ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގައި އިންސާނީ ސިކުނޑިތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ޤައުމެއްގައި ތަރައްޤީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ޙަޤީޤީ ފޮނި މީރުކަން ލިބެނީ އެޤައުމެއްގެ އިންސާނީ ސިކުނޑިތައްވެސް އޭގެ އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން،" ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ސިޔާސަތުތަކަށް ޝުކުރު އަދާކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450