Ads by Ministry of Arts, Culture and Heritage

ޚަބަރު

ބޭސް ހޯދުން ލުއިފަސޭހަކުރުމަށް ގާއިމްކުރާ ޕޯޓަލް މިމަހު ބޭނުންކުރަން ފަށަނީ

ބޭސް ހޯދުން ލުއިފަސޭހަކުރުމަށް ގާއިމްކުރާ ޕޯޓަލް މިމަހު ބޭނުންކުރަން ފަށަނީ

ސްޓޭޓް ފާމާގެ ބޭސް ފިހާރައެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ނޮވެމްބަރު 2026، 01:25

12 ނޮވެމްބަރު 2026، 01:25

ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކުރާ ހާއްސަ ޕޯޓަލް މި ނޮވެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފެށޭނެ ކަމަށް ގައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.

 މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންވާ ބޭސް ލިބެން ހުރި ފާމަސީތަކާއި އޭގެ އަގު ފަސޭހަކަމާއެކު ބަލައިލެވޭނެ މަގު ފަހިކޮށްދިނުމެވެ.

ސްޓޭޓް ފާމާއިން ފާހަގަކުރި ގޮތުގައި، ބޭސް ލިބެން ހުންނަ ތަންތަން ސާފުކޮށް އެނގެން ނެތުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އަލަށް ތައާރަފުކުރާ ސިޓިޒަން ޕޯޓަލް މެދުވެރިކޮށް، ވަކި ބާވަތެއްގެ ބޭހެއް ލިބެން ހުރީ ކޮން ފާމަސީއަކުން ކަމާއި، އެ ބޭހެއް ލިބެން ހުރި މިންވަރާއި އަގު ވަގުތުން ދެނެގަނެވޭނެއެވެ. މީގެއިތުރުން، އިންސާނީ ވަސީލަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނާ ހަމައަށް ބޭސް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުޑަކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތާ ގުޅޭގޮތުން ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހުމަދު ޒިޔާއު ސައީދު ވިދާޅުވީ، ރައްޔިތުންނަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ތަކުލީފަކީ ބޭސް ހޯދުމަށް އެއް ފާމަސީން އަނެއް ފާމަސީއަށް ދުވަން ޖެހުން ކަމަށެވެ.

"ރައްޔިތުންނަށް އެންމެ އުނދަގޫ ކަމަކީ ބޭސް ހުރީ ކޮން ފާމަސީއެއްގައިތޯ، އެއް ފާމަސީގައި ބައެއް ބޭސް ނުހުރެދާނެ، އެހެންވީމައި އެއް ފާމަސީއިން އަނެއް ފާމަސީއަށް ދުއްވަން ޖެހެނީ. އެކަން ހުއްޓުވުމަކަށް އަޅުގަނޑުމެން ގެނެސްދޭނަމޭ ނޮވެމްބަރުގެ ނިޔަލަށް. ޕޯޓަލް ލޯންޗު ކުރެވިގެން ދިޔާމަ ބޭސް ވިއްކަނީ ކޮންތާކުންކަމާއި ކިހާވަރަކަށް ކަމާއި އެވޭލަބަލްތޯ ފެންނަން ހުންނާނެ،" ޒިޔާއު ވިދާޅުވިއެވެ.

މި ނިޒާމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި އަދަދު ދުރާލާ ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ މިންވަރަށް ފެންވަރު ރަނގަޅު ބޭސް އެތެރެކޮށް، އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެއިތުރުން، ދުރާލާ ބޭސްތައް ދެނެގަނެވުމާއެކު، ދިގު މުއްދަތަކަށް ރައްކާކުރެވޭ ބޭސްތައް ރާއްޖެ ގެނެސް އަތޮޅުތަކުގެ ރަށްރަށުގައި ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްވެސް ސްޓޭޓް ފާމާއިން ދަނީ ރާވަމުންނެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450