Ads by Ministry of Arts, Culture and Heritage

ޚަބަރު

ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް، އަނިޔާކުރި ޒުވާނަކު 20 ދުވަހަށް ބަންދުކޮށްފި

ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް، އަނިޔާކުރި ޒުވާނަކު 20 ދުވަހަށް ބަންދުކޮށްފި

ކްރިމިންލަ ކޯޓް - ފޮޓޯ: ވަން އޮންލައިން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ނޮވެމްބަރު 2026، 12:21

12 ނޮވެމްބަރު 2026، 12:21

ކެފޭއެއްގެ ތެރޭގައި ތިން ގަޑިއިރު ވަންދެން ބަޔަކު ހިފަހައްޓައި، މާރާމާރީ ހިންގުމުގެ އިތުރުން މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު 20 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. މާމެންދޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އިފުހާމް އަހުމަދެވެ. އޭނާގެ މައްޗަށް ކުރެވެނީ މާރާމާރީ ހިންގުމާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، އަދި ޖިނާއީ މަޖުބޫރުކުރުވުމުގެ ސީރިއަސް ތުހުމަތުތަކެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިފުހާމް ވަނީ ކެފޭއެއްގެ ތެރޭގައި ބަޔަކު ރަހީނުކޮށް، އެމީހުންގެ އަތުން ފޯނުތައް އަތުލުމަށް މަސައްކަތްކޮށްފައެވެ. އަދި ފޯނުތައް ހަވާލުނުކޮށްފިނަމަ ބިއްލޫރި ފުޅިއަކުން ހަމަލާދޭނެ ކަމަށް ބުނެ އެމީހުންނަށް އިންޒާރުދީ، ބިރުވެރި މާހައުލެއް އުފައްދާފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން، އެމީހުން ކެފޭ ތެރޭގައި ބަންދުކޮށްގެން ހޭދަވި ތިން ގަޑިއިރުގެ ތެރޭގައި، އަނިޔާ ލިބުނު ފަރާތްތަކުގެ އަބުރާއި އިއްޒަތަށް ގެއްލުންވާ ފަދަ ގޮތްގޮތަށް އެމީހުންގެ ފޮޓޯއާއި ވީޑިއޯ ނަގާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

އިފުހާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ވަނީ އޭނާއާ ދެކޮޅަށް ވަރުގަދަ ހެކިތަކެއް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުންނާއި އަނިޔާ ލިބުނު ފަރާތްތަކުގެ ބަޔާންތަކުގެ އިތުރުން، އަނިޔާ ލިބުނު މީހުންގެ މެޑިކޯ ލީގަލް ރިޕޯޓުތަކާއި، އަނިޔާތައް ދައްކުވައިދޭ ފޮޓޯތައް ހިމެނެއެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކުން ނަގާފައިވާ ސްނެޕްޝޮޓްތައް ވެސް ހެކީގެ ގޮތުގައި ފުލުހުން ވަނީ ޝަރީއަތަށް އަރުވާފައެވެ.

މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ކޯޓުން ނިންމާފައިވަނީ، އިފުހާމްގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތައް އޭނާ ކުރިކަމަށް ބެލެވޭ އެކަށީގެންވާ މިންވަރަށް ހެކި ގަރީނާ ހުރި ކަމަށެވެ. އެހެންކަމުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ކަނޑައަޅައި، 20 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450