ޚަބަރު
ކޮޕް ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޔޫ.އެން.ޑީ.ޕީގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޔޫ.އެން.ޑީ.ޕީގެ އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ބައްދަލުވުން (ކޮޕް31) ގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ އެޑްމިނިސްޓްރޭޓަރ މިސްޓަރ އެލެގްޒެންޑަރ ޑި ކްރޫއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދެމެހެއްޓެނިވި ތަރައްޤީ އާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ކުރިމަގުގައި އެކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. އަދި ދެފަރާތުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، ޔޫ.އެން.ޑީ.ޕީން ދިވެހިރާއްޖެއަށް ޒަމާނުއްސުރެ ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާތަކެއް ހޯދައިދިނުމަށާއި، ޤައުމުގެ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ޔޫ.އެން.ޑީ.ޕީއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ އިސްކަންދޭ ދާއިރާތައް ކުރިއެރުވުމުގައި މިހާރެކޭވެސް އެއްފަދައިން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ތަކުރާރުކުރައްވާފައެވެ.