Ads by Ministry of Arts, Culture and Heritage

ޚަބަރު

ހަކުރުބައްޔާ ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކީ އަގުހުރި މަސައްކަތެއް: މެޑަމް ސާޖިދާ

ހަކުރުބައްޔާ ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތަކީ އަގުހުރި މަސައްކަތެއް: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ނޮވެމްބަރު 2026، 12:08

14 ނޮވެމްބަރު 2026، 12:08

ހަކުރުބައްޔާ ދެކޮޅަށް ފަރުދީ ގޮތުންނާއި، ޖަމާޢަތުގެ ފެންވަރުގައި ކުރެވޭ ކޮންމެ މަސައްކަތަކީ ވެސް އަގުހުރި މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ގިނަ ބަޔަކަށް ހަކުރުބައްޔާއެކު ދިރިއުޅުމަކީ، ކޮންމެ ދުވަހެއްގެ އާދަތައް ވަކި އިންތިޒާމެއްގެ ދަށުން ބެލެހެއްޓުމާއި، ޞިއްޙަތަށް ފައިދާހުރި ގޮތްތައް ޚިޔާރުކުރުމާއި، މުޅި ޢުމުރަށް ދެމިގެންދާ ފަރުވާއަކަށް ސަމާލުކަން ދިނުން ކަމަށެވެ. އަދި ބައެއް ފަރާތްތަކަށް މިއީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ޙާލަތްތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގައި މިފަދަ ތަފާތު ތަޖުރިބާތައް ބަލައިގަނެ، ފުރާނަ ސަލާމަތްކުރުމަށާއި ތަހައްމަލުކުރަންޖެހޭ ވޭން ކުޑަކުރުމަށްޓަކައި އަވަހަށް ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ބައްޔަށް ފަރުވާ ހޯދަމުންދާ ޢާއިލާގެ މެންބަރަކަށް ނުވަތަ ގާތް ފަރާތަކަށް އެހީތެރިކަން ދިނުމާއި، ގަވާއިދުން ޓެސްޓުތައް ހެދުމަށް ބާރުއެޅުމާއި، އެންމެން ގުޅިގެން ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އިޚްތިޔާރުކުރުން ފަދަ ކަންކަމަކީ މި ބައްޔާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.



މީގެއިތުރުން، ހަކުރުބަލި ކުރީކޮޅުގައި ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ، އަދި ބަލީގެ ނުރައްކާ އޮތް މިންވަރަކަށް ބެލުމެއްނެތި ކޮންމެ ފަރުދަކަށް ވެސް އޯގާތެރިކަމާއެކު ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ފަދަ ރާއްޖެއެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450