Ads by Ministry of Arts, Culture and Heritage

ޚަބަރު

ގްރީން ފައިނޭންސިންގ ފުރުޞަތުތައް ފަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ވަޒީރު ޒަރީރު

ގްރީން ފައިނޭންސިންގ ފުރުޞަތުތައް ފަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ވަޒީރު ޒަރީރު

ް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

14 ނޮވެމްބަރު 2026، 01:02

14 ނޮވެމްބަރު 2026، 01:02

ކޮންމެ މޫސުމީ ނުރައްކަލަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ސީދާ ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށާއި، ގްރީން ފައިނޭންސިންގ ފުރުޞަތުތައް ފަހިކުރުމަކީ މާލީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އަހަރުގެ މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ވަޒީރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ އިގުތިސާދަށާއި ތަރައްގީގެ އަމާޒުތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަން ދަމަހައްޓައި، ރަށްތައް ހިމާޔަތްކުރުމުގައި ކަނޑުތަކާއި ގުދުރަތީ ވެށި މުހިންމު ދައުރެއް އަދާކުރާއިރު، މި ވަސީލަތްތައް ރައްކާތެރިކުރުމަކީ އިގުތިސާދީ އަދި މާލީ ގޮތުން މަޖުބޫރު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮޕް-31 ގައި އިސްކަންދެއްވި މައިގަނޑު ތިން ކަންތައް ކަމުގައިވާ ކްލައިމެޓް ފައިނޭންސް، ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުން އަދި އަމަލީ ގޮތުން އެކަންކަން ތަންފީޒުކުރުމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް، ފަސޭހައިން ލިބޭ އަދި ހިލޭ އެހީގެ މައްޗަށް ބިނާވާ މާލީ އެހީތެރިކަން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަކީ ގައުމުގެ އިގްތިސާދާ ސީދާ ގުޅިފައިވާ ކަންކަން ކަމަށް ފާހަގަކުރައްވައި، އެފަދަ އިގްތިސާދީ ގޮންޖެހުންތައް ހަރުދަނާ ގޮތެއްގައި މެނޭޖުކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ނުއުފުލަންޖެހޭ ފަދަ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 'ވިޝަން 2040' ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި، މިފަދަ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އިންފްރާސްޓްރަކްޗާ، އިއާދަކުރަނިވި ހަކަތަ، ފެނުގެ ރައްކާތެރިކަން އަދި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ދާއިރާތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ ބަޖެޓާއި ބައިނަލްއަގުވާމީ ހިލޭ އެހީގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ރައުސްމާލާއި ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހޯދަންޖެހޭ ކަމަށާއި، ގްރީން ފައިނޭންސް މުހިންމުވަނީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި އިގްތިސާދީ އަގު އުފައްދާ އިންވެސްޓްމަންޓްތަކަށް ރައުސްމާލު އަމާޒުކުރުމަށް ކަމަށް ވިދާޅުވިއެވެ

.

ރާއްޖެ ފަދަ ކުޑަ އިގުތިސާދެއްގައި މިފަދަ ބޮޑެތި ބަދަލުތައް ގެނެވޭނީ ބައިނަލްއަގުވާމީ ރައުސްމާލާއި ފަންނީ އެހީތެރިކަމާއެކު ކަމަށް ވިދާޅުވެ، ވަޒީރު ވަނީ އިގްތިސާދީ ފައިދާތަކަށް ފުންކޮށް ނުބަލައި މިފަދަ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމަކީ ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ، ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ޒިންމާދާރު އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ބޭންކުތަކުން އައު މާލީ އުފެއްދުންތައް ތައާރަފުކުރުމަށާއި، ވިޔަފާރިތަކުން ފައިދާހުރި ހުށަހެޅުންތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ގްރީން ފައިނޭންސްގެ ކާމިޔާބީ ފެންނަންވާނީ ހަރުދަނާ މުޖުތަމައުތަކުންނާއި، އިންފްރާސްޓްރަކްޗާއިންނާއި، އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމުން އަދި ރައްޔިތުންނަށް ލިބޭ މާލީ ރައްކާތެރިކަމުން ކަމަށް ވިދާޅުވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450