Ads by Farudhun

ޚަބަރު

އިދިކޮޅުގެ އެއްވުމަކީ ރައްޔިތުންނަށް އޮޅުވާލައި 2028 އަށް ފެށި ކެމްޕޭނެއް: ޝިޔާމް

އިދިކޮޅުގެ އެއްވުމަކީ ރައްޔިތުންނަށް އޮޅުވާލައި 2028 އަށް ފެށި ކެމްޕޭނެއް: ޝިޔާމް

ފިޝަރީޒް މިނިސްާޓރު އަހުމަދު ޝިޔާމް - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ނޮވެމްބަރު 2026، 03:59

14 ނޮވެމްބަރު 2026، 03:59

ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމަކީ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަމާޒުކޮށްގެން ފެށި ކެމްޕޭން ހަރަކާތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"ދިވެހީންގެ ބިން ދިވެހިންނަށް" މި ނަމުގައި އާޓިފިޝަލް ބީޗުގައި "ގައުމީ ހަރަކާތް" އިން އިންތިޒާމުކޮށްގެން ބޭއްވި މި އެއްވުމުގައި އިދިކޮޅު އިސް ސިޔާސީ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރައީސް ޔާމީނާއި ފައިސަލް ނަސީމަކީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާރުވެސް އިއުލާނުކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

މި އެއްވުމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، އެއީ ހަގީގީ ގައުމީ ކަމެއް ނަމަ އެންމެ ކުރީ ސަފުގައި އޭނާ ވެސް ހުންނަވާނެ ކަމަށެވެ. ނަމަވެސް އެ އެއްވުމުން ފެނިގެންދިޔައީ ވާދަވެރި ސިޔާސީ ފަރާތްތަކުން އަމިއްލަ އެދުމުގައި ރައްޔިތުންނަށް އޮޅުވާލައިގެން 2028 ގެ ރިޔާސީ ކެމްޕޭން ފެށި މަންޒަރު ކަމަށާއި، އެއީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން ކަންކުރަންވާނެ ގޮތް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ވެރިކަން މީގެ ކުރިން ކުރެއްވި ގިނަ ވެރިންނާ ޚިލާފަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދީނީ އަދި ގައުމީވަންތަ ކަންކަމަށް އެންމެ އިސްކަންދެއްވާ ވެރިޔާއެވެ. ޚާއްސަކޮށް ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ބައިނަލްއަގުވާމީ މައިދާނުގައާއި ރާއްޖޭގައި އެންމެ ސާބިތުކަމާއެކު ކުށްވެރިކުރައްވައި ވަކާލާތު ކުރައްވަނީ ޑރ. މުޢިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ކަންކަން، ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލީހަށް ވަންހަނާކޮށްގެން ކުރިން ވެރިކަން ކުރެއްވި ބޭފުޅުން މިއަދު ގައުމިއްޔަތާއި ދީނުގެ ވާހަކަ ދެއްކެވިޔަސް، އެ ބޭފުޅުންގެ ސިޔާސީ ހަގީގަތާއި ނިޔަތް ރައްޔިތުންނަށް ސާފުވާނެ ކަމަށް ޝިޔާމް ތުހުމަތުކުރެއްވިއެވެ.

ސަރުކާރުގެ އިގްތިސާދީ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުން އުފެއްދި ސިޔާދަތީ ދަރަނީގެ ތެރެއިން 1.9 ބިލިއަން ޑޮލަރު މި ސަރުކާރުން ދައްކައި ޚަލާސްކޮށް، ގައުމު ދަރަނީގެ ދަންތުރައިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންތައް ރަނގަޅުވެ، ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނަން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް ނަމަވެސް، ރާއްޖޭގެ ދީނާއި، ސިޔާދަތާއި، މިނިވަންކަމާއި، ގާނޫނުއަސާސީއަށް އިހުތިރާމް ނުކުރާ ފަރާތްތަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ވާދަވެރިން ބޭނުންވަނީ މި ރާއްޖެ އަބަދު ނާށިގަނޑު ހިފައިގެން އަވައްޓެރިންނާ ދުނިޔެ ކުރިމަތީ ސަލާންޖަހާ ބައެއްގެ ގޮތުގައި ބާއްވަން. ރައީސް ޑރ. މުއިއްޒު އަމާޒު ހިއްޕަވައިގެން މަސައްކަތްޕުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި އަބުރުވެރި ތަހުޒީބު ދިރިއުޅުމެއް އުޅޭ ބައެއްގެ ގޮތުގައި ހައްދަވާ 2040 ވަނަ އަހަރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހައްދަވަން،"

ޝިޔާމް ވިދާޅުވިއެވެ.

އީގަލް ހިލްސްއިން ތަރައްގީކުރާ ރަސްމާލެ މަޝްރޫއަކީ ދިވެހި ތާރީޚުގައި ވެސް ހިންގޭނެ އެންމެ ބިޔަ އަދި އިގްތިސާދީ ގޮތުން ބޮޑު ބަދަލެއް ގެނުވާނެ އުއްމީދީ މަޝްރޫއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވަނީ، ސަރުކާރުން ގާނޫނާ ޚިލާފަށް ރާއްޖޭގެ ބިންތައް ދޫކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެކަމާ ދެކޮޅަށް އަޑުނުއުފުލާ ކޮންމެ މީހަކީ އެ ކުށުގައި ބައިވެރިވާ މީހެއް ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މި މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ އިސްރާއީލާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށާއި މީގެ ސަބަބުން އިސްރާއީލު މީހުންނަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450