ޚަބަރު
އިދިކޮޅު އެއްވުމުގައި އިމްރާން ފަލަސްތީނުގެ ރައީސް މިސާލަކަށް ނަގައި ފުރައްސާރަކޮށްފި
އިމްރާން އަބުދުﷲ ރޭގެ އެއްވުމުގައި އަންހެން ުދިން ތަކަކާއިއެކު ފޮޓޯ ނަގަނީ
ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ހިންގަން ތައްޔާރުވަމުންދާ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއްގައި، ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ، ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދައްކައިފިއެވެ.
"ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި "ގައުމީ ހަރަކާތުން" އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި މި އެއްވުމުގައި ސިޔާސީ އިސް ލީޑަރުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެ އެއްވުމުގައި ވާހަކަ ދެއްކެވީ ރައީސް ޔާމީނާއި އިމްރާން އެކަންޏެވެ.
ރޭގެ އެއްވުމުގައި ވާހަކަދައްކަވަމުން އިމްރާން ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަކީ އަމިއްލަ އެއްވެސް ބާރެއް ނެތް، އެހެން ލީޑަރުންގެ ދަށުވެފައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި މިސާލު ޖައްސަވާފައެވެ. އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމާލޭގައި ހިންގަވަން އުޅުއްވާ ޕްރޮޖެކްޓް ހިންގެވުމަށް ފަހު ރާއްޖޭގައި ސިޔާސީ މަސައްކަތް ކުރުމުގެ ޖާގައެއް ނޯންނާނެ ކަމަށާއި، ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ ދައުރު ވެސް ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.
"އޭރުން މިތަނުގައި އޮންނާނީ ފަލަސްތީނު ގޮތަށް، މަހްމޫދު އައްބާސް. މުއިއްޒު، މަހްމޫދު އައްބާސްއަކަށް ހަދާފައި، އަލްއައްބާރު ކައިރީގައި ކުޑަކަކޫ ޖައްސުވާ ބަހައްޓާފައި ދެން އެ ކުރާ ކަމެއް ކުރާނީ، އޭރަކުން މި ގައުމެއް ނޯންނާނެ،" އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރަށް އިޝާރާތް ކުރައްވައި އިމްރާން ބުންޏެވެ.
މީގެ އިތުރުން، އެހެން ސިޔާސީ މަސައްކަތްތަކާއި ކެމްޕޭންތައް މަޑުޖައްސާލުމަށް ފަހު މި މަޝްރޫއާ ދެކޮޅަށް ނުކުތުމަށް ވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.
އީގަލް ހިލްސްއިން ތަރައްގީކުރާ މަޝްރޫއާ ދެކޮޅަށް އިދިކޮޅުން އެންމެ ބޮޑަށް ފާހަގަކުރާ ކަންބޮޑުވުމަކީ، އެ ތަނުގައި އިސްރާއީލް ނުވަތަ ޔަހޫދީ ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، އެ ފަރާތްތަކަށް ޕްރޮޕަޓީ ވިއްކައިފާނެ ކަމުގެ ބިރެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މި ތުހުމަތުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުޅިން ދޮގުކުރައްވާފައެވެ. ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދޭ "ނޭޝަން ޗެޓު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސިޔާސީ މަންފާއަކަށްޓަކައި ބަޔަކު ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރަސްމާލޭގެ ޕްރޮޕަޓީތައް ގަތުމުގެ ޝައުގުވެރިކަން ހުރީ އަރަބި އިސްލާމީ ގައުމުތަކުގައި ކަމަށާއި، އެ ތަނުގައި ތިބޭނީ ދިވެހިންނާއި ބޭރުގެ މުސްލިމުން ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއް އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށާއި، އިސްރާއީލުގެ ރައްޔިތަކަށް އެންމެ ދުވަހަކު ވެސް ރާއްޖޭގައި މަޑުކުރުމުގެ ފުރުސަތެއް މި ސަރުކާރުން ނުދޭނެ ކަމަށެވެ.