ޚަބަރު
އިދިކޮޅު އެއްވުމުގައި ފައިސަލް އަދި ފައްޔާޒަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒި އިސްމާއިލު - ފޮޓޯ: ވަގުތު
ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް، މާލޭ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އިދިކޮޅު އެއްވުމުގައި އިބުރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ހަމަ އެ ސަރުކާރުގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތް" ގެ ނަމުގައި ބޭއްވި މި އެއްވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲއެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވާފައިވަނީ އިމްރާންގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު އަދި އެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ފައިސަލް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕަސަން ފައްޔާޒް ވެސް މި އެއްވުމަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، އެ ދެ ބޭފުޅުންނަށް ޕޯޑިއަމްއިން ފުރުސަތު ދީފައެއް ނުވެއެވެ. އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ރައީސް ޔާމީނަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވައި، ފައްޔާޒާއި ފައިސަލަށް ފުރުސަތު ނުދިނުމަކީ ހަމަހަމަކަން ގެއްލުން ކަމަށް ބުނެ އެއްވުމުގެ ބައިވެރިންގެ މެދުގައި ވެސް ވަނީ ހިތްހަމަނުޖެހުން އުފެދިފައެވެ. އަދި މި މައްސަލައިގައި އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ގައުމީ ހަރަކާތުގެ އިސްވެރިންނަށް ކަންބޮޑުވުން ހުށަހަޅާފައިވާ ކަމަށް ވަނީ އެނގިފައެވެ.
އެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މި ސަރުކާރު ނޫން ކޮންމެ ބަޔަކު ކާމިޔާބު ކުރި ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ބާތިލުކޮށް، އެ ބިން އަނބުރާ ދައުލަތަށް ނަގާނެ ކަމަށެވެ. އަދި މިއީ ޕީއެންސީގެ މެންބަރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ސިފައިންނާއި ފުލުހުން ވެސް ބަސްބުނަންވީ ވަގުތު ކަމަށާއި، މިކަމާ ދެކޮޅަށް ނުނިކުންނަ ކޮންމެ މީހަކީ ކުށުގެ ބައިވެރިއެއްގެ ގޮތުގައި ބަލައި ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނައިރު، ރަސްމާލޭގައި ނުވަތަ އެހެން ރަށެއްގައި ވިޔަސް އެހެން ދީންތަކުގެ މީހުން އާބާދުވެ ރަށްވެހިވުމުން އެމީހުން ބަދަލުވާނީ ދައުލަތުގެ ބަޔަކަށް ކަމަށެވެ. އަދި އިމްރާން ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދަން ދޫކޮށްލައިފިނަމަ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ހިންގުމުގެ ޖާގައެއް ނޯންނާނެ ކަމަށާއި، ހުރިހާ ސިޔާސީ ކެމްޕޭނުތައް މަޑުޖައްސާލުމަށްފަހު މި މަޝްރޫއާ ދެކޮޅަށް އެންމެން ނުކުތުމަށް ގޮވާލައްވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނީ، އީގަލް ހިލްސްއަށް މި ބިން ދިނުމުގެ ސަބަބުން ރަސްމާލޭގެ ޕްރޮޕަޓީތައް އިސްރާއީލުގެ ރައްޔިތުންނަށް ނުވަތަ ޒަޔަނިސްޓުންނަށް ވިއްކައި، އެމީހުން އެތަނުގައި ވަޒަންވެރި ކުރުވަފާނެ ކަމަށް ބުނެއެވެ.
ނަމަވެސް، މި ތުހުމަތުތައް ސަރުކާރުން ވަނީ މުޅިން ދޮގުކޮށްފައެވެ. ދައުލަތުގެ މީޑިއާ އާއި ރައީސް އޮފީސް ގުޅިގެން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި ވާހަކަތަކަކީ ސިޔާސީ މަގުސަދެއްގައި ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ރަސްމާލޭގެ ޕްރޮޕަޓީތައް ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އަރަބި އިސްލާމީ ގައުމުތަކުން ކަމަށާއި، އެތަނުގައި ތިބޭނީ ދިވެހިންނާއި އެހެން ގައުމުތަކުގެ މުސްލިމުން ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ހަރުދަނާ "ކޭވައިސީ" އުސޫލުތަކުގެ ދަށުން ބަލައި، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އެތަނުން ބިމެއް ނުވަތަ އެޕާޓްމަންޓެއް ގަތުމާއި ކުއްޔަށް ހިފުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި 99 އަހަރަށް މި ތަންތަން ދޫކުރި ނަމަވެސް، އެ ތަންތަނުގެ މިލްކުވެރިކަމާއި ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށާއި، ސަރުކާރުގެ ބައިވެރިވުމެއް ނެތި އަމިއްލަ ފަރާތްތަކުގެ މެދުގައި މިލްކުވެރިކަން ބަދަލުނުކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.