ދުނިޔެ

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ހަމާސް ޖަމާއަތުގެ ރަފަހް ބްރިގޭޑުގެ ކޮމާންޑަރު ސަމީރު އަބޫ ޔޫނިސް. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ނޮވެމްބަރު 2026، 10:58

15 ނޮވެމްބަރު 2026، 10:58

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އަލްމަވާސީ ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަމާސް ޖަމާއަތުގެ ރަފަހް ބްރިގޭޑުގެ ކޮމާންޑަރު ސަމީރު އަބޫ ޔޫނިސް ޝަހީދުވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.

 ގެދޮރު ގެއްލިފައިވާ އާންމުން ދިރިއުޅެމުންދިޔަ ޓެންޓަކަށް އަމާޒުކޮށް ހޮނިހިރު ދުވަހު ދިން މި ހަމަލާގައި އިތުރު ދެ މީހަކު ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާއި ޝިން ބެޓް ސެކިއުރިޓީ އެޖެންސީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯން ހަމަލާއެއްގައި ހަމާސްގެ އިސް އަސްކަރީ ކޮމާންޑަރަކަށް އަމާޒުކޮށްފައިވާ ކަމަށެވެ. އެ ހަމަލާއަށް ފަހު އާދީއްތަ ދުވަހުގެ ކުރީކޮޅު ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަމާޒުކުރެވުނު ފަރާތަކީ އެ ޖަމާއަތުގެ އަސްކަރީ ގޮފީގެ އިސް މެންބަރެއް ކަމަށެވެ. މި ހަމަލާގައި ޒަޚަމްވި މީހުންނާއި މަރުވި މީހުންގެ ހަށިގަނޑުތައް ވަނީ ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް ގެންގޮސްފައެވެ.

އިސްރާއީލުން އިންސާނީ އެހީގެ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައިވާ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގެ އަލްމަވާސީ ސަރަހައްދަކީ ގެދޮރު ގެއްލިފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުން ޓެންޓުތަކުގައި ދިރިއުޅެމުންދާ ތަނެކެވެ. ނަމަވެސް، އެ ސަރަހައްދަށް އިސްރާއީލުން ތަކުރާރުކޮށް ހަމަލާތައް ދެމުންދާ ކަން ފާހަގަކުރެވެއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި އެކަނިވެސް 16 މީހުން މަރުވެ، 68 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޫބަރު 11 ގައި އަމަލުކުރަން ފެށި "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމަށް ފަހުވެސް އިސްރާއީލުން ވަނީ މަދުވެގެން 1,643 ފަލަސްތީނު މީހުން މަރާލައި، 5,964 މީހުން ޒަޚަމްކޮށްލާފައެވެ. މީގެ އިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މަދުވެގެން 850 މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ.

އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 74,695 މީހުން ޝަހީދުވެ، 176,093 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގެ އިތުރުން، ފިނި މޫސުމުގެ ސަބަބުންނާއި ގަދަ ވިއްސާރައިގެ ސަބަބުން ޓެންޓުތަކަށާއި ގެއްލުން ލިބިފައިވާ އިމާރާތްތަކަށް ފެން ވަދެ އާންމުންގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އަދި ފިނީގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެގެން (ހައިޕޯތާމިއާ) 9 މަހުގެ ތުއްތު ކުއްޖަކު މަރުވުމާ ގުޅިގެން، ފިނީގެ ސަބަބުން މަރުވި މީހުންގެ އަދދު މިހާރު ވަނީ 11 އަށް އަރާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450