ޚަބަރު
ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން / ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ފަންނީ ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދެވުމުގެ ގޮތުން "ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ ޚާއްޞަ އުސޫލަށް ޢަމަލުކުރައްވަން ފެށްޓެވުމަށެވެ. މި އުސޫލު ކަނޑައަޅުއްވާފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި އުސޫލު އެކުލަވައިލެއްވުމުގެ މައިގަނޑު މަޤްޞަދަކީ، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް، އެ ދާއިރާތަކާގުޅޭ ސިޔާސަތުތައް ބައްޓަންކުރުމާއި ތަންފީޒުކުރުމުގައި، ކަމާގުޅޭ ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ އަލީގައި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މިގޮތުން އުފައްދަވާ "ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވައިލުމާއި، އެ މަޖިލިސް ހިންގުމުގައި ޢަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅުމެވެ.
މި ނިންމެވުމާ ގުޅިގެން، ކޮންމެ ވުޒާރާއަކަށް ވެސް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކެއް އެކުލަވައިލައްވާނެއެވެ. އަދި އެ ކޮމިޓީތަކަށް ޢައްޔަންކުރައްވާނީ އެ ދާއިރާއަކުން ފަންނީ ތަޢުލީމާއި ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޤާބިލު ބޭފުޅުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ ތަފްޞީލީ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޢާންމުކޮށް ޝާއިޢުކުރެވޭނެއެވެ.