Ads by Farudhun

ޚަބަރު

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް "ސިޓިޒަންސް ވޮއިސް" ޕޯޓަލް އިފްތިތާޙުކޮށްފި

ރައްޔިތުންގެ ޝަކުވާތައް ހުށަހެޅުމަށް "ސިޓިޒަންސް ވޮއިސް" ޕޯޓަލް އިފްތިތާޙުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ނޮވެމްބަރު 2026، 12:24

17 ނޮވެމްބަރު 2026، 12:24

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓިޒަންސް ވޮއިސްގެ ނަމުގައި ޕޯޓަލެއް މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުން އުފެއްދެވި މި ޕޯޓަލްގެ ވެބް އެޑްރެހަކީ citizensvoice.gov.mv ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިއީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފައްދަވައި، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވޭނެގޮތަށް އިފްތިތާޙުކުރެއްވި ޕޯޓަލެއްކަން ރައީސް އޮފީހުން ފާހަގަކުރެއްވިއެވެ.

ޕޯޓަލްގެ ޚިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ފެއްޓެވި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަން އިފްތިތާހުކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި މި ވަގުތު ވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް 24 ގަޑިއިރު ޚިދުމަތްދިނުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ނަމުގައި އޮފީހެއް އުފައްދަވާފައި ވަނީ 16 އޭޕްރީލް 2026ގައެވެ. މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް، ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާއި ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމެވެ.

މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރުގައި ވަނީ، މި ބިއުރޯގެ ސަބަބުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުރި ކަންބޮޑުވުންތަކަށް ހައްލުތައް ލިބިގެންދާނެ ކަމަށާއި، މިހާރު ވެސް ސަރުކާރުގެ އިދާރާތަކުން ސިޓީތަކާއި ފޯނުތަކަށް ޖަވާބުދިނުމުގެ ކަންކަން ކުރިއަށްވުރެ ބޮޑަށް ރަނގަޅުވަމުންދާކަން ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450