ޚަބަރު
ސަރުކާރުގެ ޙިކުމަތު ޢަމަލީގެ ސަބަބުން ޤައުމު ވަނީ އަމާން ބަނދަރަކަށް ވާސިލުވެފަ: މުންތަޡިމް
ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް. ފޮޓޯ: މަޖިލިސް
ސަރުކާރުގެ ހަރުދަނާ ޙިކުމަތު ޢަމަލީގެ ސަބަބުން ރާއްޖެ މިއަދު ވަނީ އިޤްތިޞާދީ ގޮތުން އަމާން އޮމާން ބަނދަރަކަށް ވާސިލުވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު މުންތަޡިމް ވަނީ، ލޯނުތައް އިންތިހާއަށް މައްޗަށް ގޮސް ޤައުމު ސަލާމަތް ނުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަކަން ފާހަގަކުރައްވާފައެވެ.
"އެހެންނަމަވެސް، މި ސަރުކާރުގެ ޙިކުމަތު ޢަމަލީގެ ސަބަބުން ޤައުމު މި ވަނީ އަމާން އޮމާން ބަނދަރަކަށް ވާސިލުވެފަ. މި ހިނގާ އަހަރަކީ ގިނަ އަދަދެއްގެ ލޯނުތައް ދައްކާ ޤައުމު ޙަޤީޤީ މާނައެއްގައި ހަމަ އިސްކޮޅަށް ތެދުވެވުނު އަހަރު،"
މެންބަރު ވިދާޅުވިއެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނީގެ ތެރެއިން 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް މިހާރު ވަނީ ލޯނުގެ ގޮތުގައި ދައްކައި ޚަލާޞްކޮށްފައެވެ. އެއީ ގާތްގަނޑަކަށް މި ހިނގާ ބަޖެޓުގެ ތިންބައިކުޅަ އެއްބައިކަން ވެސް މެންބަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއެކު ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ރޭޓިންގ މައްޗަށް ޖައްސާފައިވާކަން ފާހަގަކުރައްވައި، މުންތަޡިމް ވިދާޅުވީ މިއީ ޤައުމުގެ އިޤްތިޞާދު ރަނގަޅު މިސްރާބަކަށް ދަތުރުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
ދިވެހިރާއްޖޭގެ މާލީ ހާލަތާއި ހަމަޖެހުން ރަނގަޅުވަމުން އަންނަކަމަށް ނިންމައި، ބައިނަލްއަޤްވާމީ މަޝްހޫރު ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް ވަނީ މަތިކޮށްފައެވެ.
މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅައި ތަންފީޒުކުރަމުންދާ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާތީއެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމަށް ކުރިން އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީ ކަމަށް އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.