Ads by Ministry of Arts, Culture and Heritage

ޚަބަރު

ޒުވާނުންނަށް ފަހި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފި: ނައިބު ރައީސް

ޒުވާނުންނަށް ފަހި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފި: ނައިބު ރައީސް

ހަފްތާ 156 ޕްރޮގްރާމް---

farudhun logo

ފަރުދުން

17 ނޮވެމްބަރު 2026، 08:53

17 ނޮވެމްބަރު 2026، 08:53

ޒުވާނުންގެ ހަކަތަޔާ ނުލައި ޤައުމުގެ މުސްތަޤްބަލު ބައްޓަން ނުކުރެވޭނެކަން ފާހަގަކުރައްވައި، މާދަމާ ރާއްޖޭގެ އެކި މުއައްސަސާތަކާ ޙަވާލުވާން ތިބި ޒުވާނުންނަށް ބިނާކުރަނިވި އަދި ފަހި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށްޓަކައި މި ސަރުކާރުން ފާއިތުވި ތިން އަހަރު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ފެށްޓެވި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ތަމްރީނުވެގެން މިހާރު މުޖުތަމަޢުގެ ތެރެއަށް ނުކުމެފައިވާ ކަމަށެވެ. އެގޮތުން ނުކުތް ޒުވާނުންނަކީ އެކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި ވަރުގަދައަށް އަށަގަނެވިފައިވާ، ރަނގަޅު ތަރުބިއްޔަތާއި މަތިވެރި އަޚްލާޤު ލިބިފައިވާ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން، މާދަމާ މުޖުތަމަޢުގެ އެކި މަޤާމުތަކާ ޙަވާލުވާން ތިބި ޒުވާނުން ވެގެންދާނީ އަޚްލާޤު ރަނގަޅު، ވަގުތަށް ކަމޭހިތާ، ހެޔޮލަފާ އަދި ޤައުމަށް ވަފާތެރި ބަޔަކަށް ކަމުގައިވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ދީނީގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، މި ޕްރޮގްރާމުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން މިހާރުވެސް ތަމްރީނުވެގެން ނުކުމެފައިވާކަން ނައިބު ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ގޮތުން ނެޓްބޯޅަ އަދި ފުޓްސަލް ކޮމްޕްލެކްސްއެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ކުރިކެޓް ސްޓޭޑިއަމެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފްގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަސްލަހަތު އެންމެ އިސްކޮށްގެންކަން ފާހަގަކުރައްވަމުންނެވެ. އަދި ސަރުކާރުގެ ދައުރުގެ ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައިވެސް ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުރިހަމައަށް ފުއްދައިދިނުމުގައި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450