ޚަބަރު
ދަރަނި ދައްކަން މިދިޔަ 10 އަހަރު ނުކުރާ މިންވަރަށް ސަރުކާރުން ހޭދަކޮށްފި: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހޭދަނުކުރާހާ ބޮޑު މިންވަރެއް މި ސަރުކާރުން މިހާތަނަށް ހޭދަކޮށްފައިވާ ކަމަށާއި، އެގޮތުން 1.45 ބިލިޔަން އެމެރިކާ ޑޮލަރު ދައްކައި ޚަލާޞްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވޭތުވެދިޔަ ދެ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން ދަރަނި އަދާކުރުމަށް ކުރި ހޭދަ އެތައް ގުނައަކަށް އިތުރު ކަމަށެވެ. އަދި މިއީ އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކަރަންސީ ސްވޮޕް އެރޭންޖްމަންޓްތަކާ އެކު މިދިޔަ ތިން އަހަރުގެ ތެރޭގައި ދެއްކި 1.45 ބިލިޔަން ޑޮލަރަކީ، މީގެ ކުރީގެ 10 އަހަރު ދުވަހުގެ ތެރޭގައި ދެއްކި ޖުމްލަ އަދަދަށްވުރެވެސް 483 މިލިޔަން އެމެރިކާ ޑޮލަރު އިތުރު ޢަދަދެއް ކަމަށެވެ.
"ކަރަންސީ ސްވޮޕާއި އެކީގައި 1.45 ބިލިޔަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކައިފި. މިއީ، މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދު. އެ އަދަދަކީ މީގެ ކުރީގެ 10 އަހަރު ކުރީގައި ދެއްކި އަދަދަށްވުރެ 483 މިލިޔަން ޑޮލަރު އިތުރު އަދަދެއް. "
ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޮޑެތި ޢަދަދުތަކުން ދަރަނި އަދާކުރަމުން ދިޔަ ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ބުރޫއެރިޔަނުދީ ސަރުކާރުން ކަންކަން ތަރުތީބުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ވެސް ކާމިޔާބީތަކެއް ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޤައުމުގެ ރިޒާވްގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ ހަމައަށް ދައުލަތުގެ ރިޒާވް ރެކޯޑު ޢަދަދަކަށް، އެއީ 1.3 ބިލިޔަން އެމެރިކާ ޑޮލަރަށް މަތިކުރެވުނު ކަމަށެވެ. ނަމަވެސް ބޭރުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމާ ގުޅިގެން ރިޒާވްގެ ޢަދަދު ދަށަށް ދިޔަ ކަމުގައި ވިޔަސް، އަންނަ އަހަރުގެ ތެރޭގައި ރިޒާވް އެއަށްވުރެ ވެސް މައްޗަށް ޖެއްސުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މި ހަރުދަނާ މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަކި ހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، މިއީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ބޭރުގެ ފަރާތްތަކުން ވެސް ބަލައިގަންނަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.