ޚަބަރު
މި ސަރުކާރުގެ ފުރަތަމަ 156 ހަފުތާގައި ހާސިލްކުރެވުނު ކަންތައްތައް ހިމެނޭ ފޮތެއް ރައީސް ނެރުއްވައިފި
ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގެ ފުރަތަމަ 156 ހަފްތާގައި ހާސިލްވި ކަންތައްތަކާ ބެހޭ ފޮތެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވައިފިއެވެ.
މި ފޮތް ރައީސް ނެރެދެއްވީ މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްގެންދިޔަ ހާއްސަ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ އަދުގެ ސަރުކާރުން ކާމިޔާބު 3 އަހަރު ނިންމާލާފައިވާ ކަމަށާއި މި ދަތުރުގައި އެމަނިކުފާނަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނަތީޖާ ނެރެވޭނީ ބުރަ މަސައްކަތުން ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފާއިތުވި 3 އަހަރު ކުރެވިފައިވާ މަސައްކަތްތަކާއި ހާސިލްކުރެވުނު ކާމިޔާބީ ތަކުގެ ވާހަކަ ދެއްކުމަށް ވަރަށް ގިނަ ވަގުތު ދާނެ ކަމަށާއި ހަމައެކަނި ނިމުނު އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތްތަކާއި ކާމިޔާބީތަކުގެ ވާހަކަ ދައްކަން ފައްޓަވައިފިނަމަ ފަތިސް ވަގުތާ ހަމައަށް ވެސް ދައްކައި ނުނިމޭނެހާ ގިނަ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެންކަމުން ކުރީ ދެއަހަރާއި ތަފާތު ކުރެއްވުމަށް ގަސްދު ކުރައްވައި ފާއިތުވި ތިން އަހަރު ދުވަހުގެ މަސައްކަތްތަކާއި ކާމިޔާބީތަކާ ބެހޭގޮތުން ފޮތެއް ނެރުއްވުމަށް ގަސްދު ކުރެއްވީ ކަމަށެވެ.
"އަޅުގަނޑުމެން ގަސްދު ކުރީ މިފަހަރު ކުރީ ދެއަހަރާއި ތަފާތުކޮށްލަން ކުޑަކޮށް. ތަފާތުކޮށްލާފަ މިދިޔަ ތިން އަހަރު ދުވަހު ކުރެވުނު މަސައްކަތް ތިބޭފުޅުންނަށް ފޯނުން ޑައުންލޯޑްކޮށްލެވޭ ވެބްސައިޓައް ވަދެ ބަލައިލެވޭ ގޮތަށް ޑިޖިޓަލް ޒަރީއާއިން ބަލާލެވޭ ކަހަލަ ފޮތެއްގެ ގޮތުގައި 156 ހަފްތާގެ މަސައްކަތް ފެންނަ ފޮތެއް ތިބޭފުޅުންނަށް އިފްތިތާހުކޮށްދެން. އެ ފޮތް ތިބޭފުޅުން ބައްލަވާލެއްވުމަށް ތިބޭފުޅުންނަށް އަރުވާނަން. "
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފޮތް ޑައުންލޯޑް ކުރެވޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް މި ފޮތް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މި ފޮތުގެ ޑިޖިޓަލް ވާޝަން ވެސް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަދުގެ ސަރުކާރަށް އަހަރެއް ފުރުމާއި ދެ އަހަރު ފުރުންވެސް ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ދެ އަހަރުގައިވެސް ޖަލްސާއެއް ކުރިއަށް ގެންގޮސް އެ އަހަރަކު ކުރެވުނު މަސައްކަތްތަކާއި ހާސިލް ކުރެވުނު ކާމިޔާބީތަކަށް އަލިއަޅުއްވާލައްވައި ރައީސް ވާހަކަފުޅު ދެއްކެވިއެވެ.