ޚަބަރު
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް: ސިއްހީ ވުޒާރާ
މާލޭގައި ބޭއްވުނު ކުޑަކުދިންގެ ހަވީރެއް. ފޮޓޯ:ޕީއެސްއެމް
ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހަނދާންކޮށްދެއްވައިފިއެވެ.
އެ ވުޒާރާއިން ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަސްކަން ފާހަގަކުރައްވާފައެވެ.
ސިއްހީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ދުވަހަކީ ކޮންމެ ކުއްޖަކީވެސް ރައްކާތެރި އަދި ކުލުނުވެރި މާހައުލެއްގައި އުޅެބޮޑުވުމުގެ ޙައްޤު ލިބިގެންވާ ކުއްޖެއްކަން ހަނދާން އާކޮށްދޭ ދުވަހެކެވެ.
އަނިޔާއަށް ހުށަހެޅިފައިވާ ކުދިން ދެނެގަތުމަށް ޓަކައި، އަނިޔާ ލިބެމުން އަންނަ ކުދިންގެ ކިބައިން ފެނިދާނެ ނިޝާންތައް ދެނެގަނެ އެކަންކަމަށް ސަމާލުވުމަކީ މުހިންމު ކަމެއްކަން އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކުދިންނަށް ކުރާ އަނިޔާގެ ޢަމަލުތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކޮންމެ ދިވެހި ފަރުދަކަށް ވެސް ލާޒިމު ކުރާ ކަމެއްކަން ސިއްހީ ވުޒާރާއިން ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، އެފަދަ މައްސަލަތައް ރިޕޯޓްކުރުމުން އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ އުނދަގޫ ހާލަތުން އަރައިގަނެ ވިލުންތެރި ބަޔަކަށް ހެދުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރާ މަސައްކަތުގައި މުޖުތަމަޢުގެ ބައިވެރިވުން އޮތުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން، ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާއިން އެކުދިން ރައްކާތެރިކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ކޮންމެ މީހެއްގެ ވެސް ބައިވެރިވުން އިތުރުކުރުމަށް އަޒުމް ކަނޑައެޅުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ތިމާގެ ފަރާތުން ކުޑަކުއްޖެއްގެ ރައްކާތެރިކަމަށް އަސަރުކުރާނެ އެއްވެސް ކަމެއް ވިޔަނުދިނުމަށާއި، އެހެން މީހެއްގެ ފަރާތުން ކުދިންނަށް ކުރިމަތިވެދާނެ އެފަދަ ކޮންމެ ކަމެއް ހުއްޓުވަން މަސައްކަތްކުރުމަށް ވެސް ބަޔާނުގައި ބާރުއަޅުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙިމާޔަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ގިނަގުނަ މަސައްކަތްތަކެއް ތަޢާރަފުކުރައްވާފައެވެ. އެގޮތުން، ސެޕްޓެމްބަރު 2024 ގައި ސަރުކާރުން ވަނީ "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެކަމަށް އިޖާބަދިނުމުގެ ޤައުމީ އެކްޝަން ޕްލޭން 2024-2028" އިފްތިތާޙުކޮށްފައެވެ. އަދި ސަރުކާރުން ވަނީ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމް ވެސް ފަށާފައެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމުގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުންދާއިރު، ވުމެންސް ވޯލްޑް ސަމިޓް ފައުންޑޭޝަނުން 2000 ވަނަ އަހަރު ކަނޑައެޅި މި ދުވަހަކީ، ކުޑަކުދިން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަދި ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި، އަޅާލުން ލިބޭ މާޙައުލެއްގައި ބޮޑުވުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ސަރުކާރުތަކަށާއި، ޖަމްޢިއްޔާތަކަށާއި މުޖުތަމަޢަށް ގޮވާލާ ދުވަހެކެވެ.