ޚަބަރު
"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ބާރަށުގައި ހުޅުވައިފި
"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ބާރަށުގައި ހުޅުވުން. ފޮޓޯ: ސިފައިން
ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށް، ހއ. ބާރަށުގައި "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު"، ހުޅުއްވައިފިއެވެ.
ބާރަށު ސްކޫލުގައި ބޭއްވި މި މައުރަޒު ހުޅުއްވައިދެއްވީ، މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، އިސްމާޢީލް ނަޞީރެވެ.
އާންމުކޮށް ހުޅުވާލައިގެން ހއ.ބާރަށު ސްކޫލުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މައުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ.
މި މައުރަޒުން އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ހިމަނާފައިވާނެ ކަމަށާއި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު ވެސް މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެ ކަމަށް ސިފައިން ވިދާޅުވެއެވެ.
މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 20އިން 21ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00އަށެވެ.
މީގެ އިތުރުން ހއ.ބާރަށުގައި މި މައުރަޒު ބޭއްވުމަށް ޓަކައި ބާރަށު ކައުންސިލުން ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަންކޮށް އެމްއެންޑީއެފުން ވަނީ އެ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައެވެ. އެ ގޮތުން ބާރަށު ކައުންސިލްގެ ރައީސް، އަލްފާޟިލް ޢަލީ ޝަމީމަށް އެމްއެންޑީއެފްގެ ފަރާތުން މި ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.
މި މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހީމް ޝުޖާއުއާއި، ހއ.ބާރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހއ. ބާރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ.