Ads by Farudhun

ޚަބަރު

ފަޅުތަކާއި ފަޅުރަށްތައް ހޯދަން ގިނަ އިންވެސްޓަރުންތަކެއް އެދެމުންދޭ: އަމީން

ފަޅުތަކާއި ފަޅުރަށްތައް ހޯދަން ގިނަ އިންވެސްޓަރުންތަކެއް އެދެމުންދޭ: އަމީން

ފަތުރުވެރިކަމާއި މަދަނީގެ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން. ފޮޓޯ: އެމްއެމްޓީވީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ނޮވެމްބަރު 2026، 02:17

21 ނޮވެމްބަރު 2026، 02:17

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓުކުރުމުގެ ޝައުގުވެރިކަން ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިވެރިންގެ މެދުގައި ވަރަށް ބޮޑު ކަމަށާއި، ފަތުރުވެރިކަމުގެ ބޭނުމަށް ފަޅުތަކާއި ފަޅުރަށްތައް ހޯދަން އެދި ގިނަ އަދަދެއްގެ އިންވެސްޓަރުން ހުށަހަޅަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި، ފާއިތުވި ތިން އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެމްއެމްޓީވީން ގެނެސްދޭ "ހަފުތާ 156" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލު ކަމަށެވެ.

އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އިންވެސްޓުމެންޓުތަކުން ލިބޭ ވިޔަފާރީގެ މަންފާ ބޮޑުކަން ގަބޫލުކުރަންޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ޓޫރިޒަމްގެ މުއާމަލާތްތައް ހިންގީމާ އޭގެ ނަފާވެސް ރަނގަޅުވީމާ މިވަރުގެ ބޮޑެތި އިންވެސްޓުމެންޓުތައް ރާއްޖޭގައި މިހުރީ. މިހާރު ބައްލަވާ ދުނިޔޭގެ ނިސްބަތުން ގާއިމުކުރެވިފައިވާ އެންމެ ހައި، އެންމެ މަތީ ފަންތީގެ ބްރޭންޑުތައް ރާއްޖޭގައި އެހުރީ،" 

ވަޒީރު ވިދާޅުވިއެވެ.

މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ހާމަވެގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ފަންތީގެ ޓޫރިޒަމް ރާއްޖޭގައި ހިންގެނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. އެއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިވެރިން ކުރައްވާ މިންނެތް މަސައްކަތްތައް އެކުލެވި ލާމެހިގެން ދިއުމެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ބައިނަލްއަގުވާމީ ފަރާތްތަކާއި ރާއްޖޭގެ ކުންފުނިތަކުން އަންނަނީ ރިސޯޓު ތަރައްގީކުރުމަށް ޓަކައި ފަޅުރަށްތަކާއި ފަޅުތައް ހޯދުމަށް އެދެމުންނެވެ. އެގޮތުން ބައެއް ވިޔަފާރިތަކަށް ފަޅާއި ރަށްތައް ދޫކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އިތުރު ފަރާތްތަކުން އަންނަނީ ރަށާއި ފަޅު ހޯދުމުގެ އިޖުރާއާތުތައް ފުރިހަމަކުރަމުންނެވެ. އަދި ބައެއް ފަރާތްތަކުން އިމާރާތްކުރުމުގެ މަރުހަލާގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށާއި ހޮޓެލް ވިޔަފާރި ފުޅާކުރުމަށް އޮތް އެންމެ ރަނގަޅު ރަނުގެ ފުރުޞަތަކީ ރާއްޖެ ކަމަށެވެ. އަދި އެކަން އެ ދާއިރާގެ ބޭފުޅުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާތީ، ރާއްޖެއަށް އިންވެސްޓްކުރުމަށް ބޮޑު ޝައުޤުވެރިކަމެއް އޮންނަ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، މި ދާއިރާއަށް އިންވެސްޓުކުރުމުގެ ބޮޑު ޝައުގުވެރިކަމެއް ރާއްޖެއާއި ބައިނަލްއަގުވާމީ ވިޔަފާރިވެރިންގެ ފަރާތުން ފެންނަމުންދާކަން ވަޒީރު އަމީން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450