ދުނިޔެ

މާލީ ކާރިސާއިން އަރައިގަތުމަށް އީރާނާއެކު ޞުލްޙަވާން ތުރުކީން ގޮވާލައިފި

މާލީ ކާރިސާއިން އަރައިގަތުމަށް އީރާނާއެކު ޞުލްޙަވާން ތުރުކީން ގޮވާލައިފި

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ނޮވެމްބަރު 2026، 09:43

22 ނޮވެމްބަރު 2026، 09:43

އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބޮޑު އިޤްތިޞާދީ ބުރައެއް އުފުލަން ޖެހިފައިވާ ކަމަށާއި، ދުނިޔޭގެ މާލީ ކާރިސާތަކަށް ލުޔެއް ހޯދުމަށްޓަކައި ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ތުރުކީގެ ބްރޯޑްކާސްޓަރ ޓީޖީއާރުޓީ (TGRT) އަށް ދެއްވި ބަސްދީގަތުމެއްގައި ފިދާން ވިދާޅުވީ، މި ހަމަނުޖެހުމުގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ނުލިބި ދިގުލައިގެން ދިޔުމަކީ ދުވަހެއް ދުވަހަކަށް ގިނަ ޤައުމުތަކަކަށް އިޤްތިޞާދީ ގޮތުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ހަނގުރާމައާއި މައްސަލައަށް ހައްލެއް ނުލިބުމުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ބުރައިގެ އަސަރު ދުވަހެއް ދުވަހަކަށް ގިނަ ޤައުމުތަކަކަށް ދަނީ ކުރަމުން. މިކަން މިސްރާބު ޖަހާފައި ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދިނުމާ ދިމާއަށް،" ފިދާން ވިދާޅުވިއެވެ. 

އޭނާ އިތުރަށް ވިދާޅުވީ ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ތުރުކީން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ކުރެވޭ ޚާރިޖީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބެލެވުނު ނަމަވެސް، އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން ފިދާން ހާމަކުރެއްވިއެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ގޮތުން ދާދި ފަހުން ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީއާ ބައްދަލުކުރައްވައި މި ކާރިސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އީރާނާ ގުޅުންހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ދެ ދާއިރާއަކުން އެކުލެވިގެންވާ އޮނިގަނޑެއް ހުށަހަޅުއްވަމުން ފިދާން ފާހަގަކުރެއްވީ، ތެހެރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ކަންކަން އެމެރިކާއާއި އދ. ގެ އޮނިގަނޑުގެ ތެރެއިން ހައްލުކުރެވިދާނެ ކަމަށެވެ. 

ނަމަވެސް، ސަރަޙައްދީ ހަމަޖެހުމާ ގުޅުންހުރި އެހެނިހެން މައްސަލަތައް ހައްލުކުރަންވާނީ ބޭރުގެ ނުފޫޒުތަކުން އެއްކިބާވެ، ސީދާ އެ ސަރަޙައްދުގެ ޤައުމުތަކުން އިސްނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450