Ads by Farudhun

ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް އޮކްޓޯބަރު މަހު ރިޕޯޓްކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް އޮކްޓޯބަރު މަހު ރިޕޯޓްކޮށްފި

ކުޑަކުދިންގެ ހަރަކާތެއްގެ ތެރެއިން / ފައިލް ފޮޓޯ: ޔުނިސެފް މޯލްޑިވްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ނޮވެމްބަރު 2026، 10:28

24 ނޮވެމްބަރު 2026، 10:28

މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ. 

އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނާއި ގުޅޭ 62 މައްސަލައަކާއި ފިރިހެން ކުދިންގެ 47 މައްސަލައެކެވެ.

މި ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 27 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 9 ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނާ ގުޅޭ މައްސަލައެވެ. 

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ބާވަތުގެ 24 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެން ކުދިންނާއި 18 އަންހެން ކުދިންގެ މައްސަލައެވެ.

މީގެ އިތުރުން، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައަކާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއްގެ އިތުރުން ނަފްސާނީ ގޮތުން އިހުމާލުވުމުގެ 9 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 5 މައްސަލައަކާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެއާއެކު، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 3 މައްސަލައަކާއި، ކުޑަކުދިންގެ ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތަކާ ގުޅޭ 2 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިން ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ އެއް މައްސަލައާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ ވެސް އޮކްޓޯބަރު މަހު އެ ވުޒާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުވުމުގެ އެއްވެސް އަމަލެއް ފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވިއްޖެނަމަ، އެ މައްސަލައެއް ރިޕޯޓުކުރުމަށާއި، ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން އަވަހަށް ހޯދުމަށް ވުޒާރާގެ ހިލޭ ގުޅޭ ޗައިލްޑް ހެލްޕްލައިން 1412 އަށް ގުޅުމަށް އެ އިދާރާއިން އަބަދުވެސް އިލްތިމާސްކުރެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450