Ads by Farudhun

ޚަބަރު

އެކި ސަބަބުތަކާހެދި ހުއްޓިފައިހުރި ނަރުދަމާގެ މަސައްކަތްތައް ޑިސެމްބަރުމަހު ފަށާނެ: ވަޒީރު މުއްޠަލިބް

އެކި ސަބަބުތަކާހެދި ހުއްޓިފައިހުރި ނަރުދަމާގެ މަސައްކަތްތައް ޑިސެމްބަރުމަހު ފަށާނެ: ވަޒީރު މުއްޠަލިބް

ވަޒީރު މުއްޠަލިބް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ނޮވެމްބަރު 2026، 10:48

24 ނޮވެމްބަރު 2026، 10:48

ލ. ކުނަހަންދޫ ހިމެނޭހެން އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަންނަ ޑިސެމްބަރު މަހު އަލުން ފަށައި، 2027 ވަނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުނަހަންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާތީ އެކަމާ ގުޅޭގޮތުން މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށެވެ. އޭގެ ތެރޭގައި ފެނަކައާ ހަވާލުކޮށްގެން ސަބްކޮންޓްރެކްޓް އުސޫލުން އެޑްވާންސް ފައިސާ ދޫކޮށްފައިވީ ނަމަވެސް، މަސައްކަތުގެ ވަރަށް ކުޑަ މިންވަރެއް ހިނގާފައި ހުރި މަޝްރޫއުތައް ހިމެނޭ ކަމަށާއި، ކުނަހަންދޫގެ މަޝްރޫއު ވެސް އޮތީ އެ ހާލަތުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެ ކުންފުނިތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން އެ ކޮންޓްރެކްޓުތައް ބާތިލުކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓުގެ ދަތިކަމާއެކު އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާ އެ މަސައްކަތްތައް ހަވާލުކުރެއްވި ނަމަވެސް، އެ ކުންފުންޏަށް ވެސް ފައިސާ ހޯދުމުގައި ދިމާވި ދަތިތަކާ ހުރެ ބައެއް ރަށްރަށުގެ މަސައްކަތް ފެށުން ލަސްވި ކަމަށް ވިދާޅުވިއެވެ.

 "މިހާރު އެމްޑަބްލިޔުއެސްސީއާ ވާހަކަދެކެވި އަޅުގަނޑުމެންނަށް ޝެޑިއުލް ލިބިފަ އޮތީ ނޮވެމްބަރު މަހުން ފެށިގެން ގިނަ ރަށްރަށަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ކުރިޔަށްގެންދާކަން. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް އެރަށަށް މޮބަލައިޒްކޮށް އަމަލީ މަސައްކަތް ފަށައި 2027 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމާނެ ކަމަށް،" ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މީގެއިތުރުން، ކުނަހަންދޫ ފަދަ ހައްސާސް މައްސަލަތައް ހުރި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ވަކިން އެހެން ބަޔަކާ ހަވާލުކޮށްގެން ވެސް ކުރިއަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި، ރައްޔިތުންނަށް އެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450