ޚަބަރު
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 57 މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފި
ގެވެށި އަނިޔާކުރުން--
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 57 މައްސަލައެއް މި އަހަރުގެ އޮކްޓޯބަރު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ ޖުމްލަ 31 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 29 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 2 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ނަފްސާނީ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. މި ބާވަތުގެ 13 މައްސަލައެއް އޮކްޓޯބަރު މަހު ރިޕޯޓުކޮށްފައިވާއިރު، މި ހުރިހާ މައްސަލައަކީވެސް އަންހެނުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެވެ.
މީގެ އިތުރުން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ބިރުދެއްކުމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 3 މައްސަލަ، އަދި ބްލެކްމެއިލް ކުރުމުގެ 3 މައްސަލަ ހިމެނެއެވެ. އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 މައްސަލައާއި، ކައިވެނީގެ ތެރޭގައި ކުރާ ޖިންސީ އަނިޔާ (މެރިޓަލް ރޭޕް) ގެ 1 މައްސަލައާއި، ފާރަލުމުގެ 1 މައްސަލައިގެ އިތުރުން މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން 52 މައްސަލައަކީ އަންހެނުންނާ ގުޅުންހުރި މައްސަލަތަކެވެ. އަދި ފިރިހެނުންނާ ގުޅޭގޮތުން ރިޕޯޓުކޮށްފައިވަނީ 5 މައްސަލައެކެވެ.