ދުނިޔެ

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގެ ލޮޅުން އިންޑިއާ އާއި ބޫޓާނަށް ފޯރައިފި

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމެއްގެ ލޮޅުން އިންޑިއާ އާއި ބޫޓާނަށް ފޯރައިފި

ނޭޕާލައަށް އައި ބިންހެލުން - ފޮޓޯ: އައިސްކޮޓް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

24 ނޮވެމްބަރު 2026، 10:48

24 ނޮވެމްބަރު 2026، 10:48

ނޭޕާލްގެ އިރުމަތީ ސަރަޙައްދަށް މިއަދު ހެނދުނު ރެކްޓާ މިންގަނޑުން 5.3 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުމުގެ ސަބަބުން އުފެދުނު ބާރުގަދަ ލޮޅުމުގެ އަސަރު އަވަށްޓެރި ބައެއް ޤައުމުތަކަށް ވެސް ވަނީ ފޯރާފައެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ އިންޑިއާ ގަޑިން ހެނދުނު ގާތްގަނޑަކަށް 7:02 ހާއިރުއެވެ. މި ބިންހެލުމުގެ މަރުކަޒު ހުރީ ނޭޕާލްގެ ކޯޝީ ޕްރޮވިންސްގެ ލެލެޕް ސަރަޙައްދުގެ ކައިރީގައެވެ. އެއީ އިންޑިއާގެ ސިއްކިމް ސްޓޭޓްގެ މަންގަން ސިޓީގެ ހުޅަނގު-އުތުރުހުޅަނގުން ގާތްގަނޑަކަށް 67 ކިލޯމީޓަރު ދުރުމިނެވެ. އަދި އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ސީސްމޮލޮޖީން ބުނެފައިވާ ގޮތުގައި ބިންހެލުން އުފެދިފައިވަނީ ބިމުގެ 20 ކިލޯމީޓަރު އަޑިންނެވެ.

މި ހާދިސާގެ އަސަރު ނޭޕާލާއި އިންޑިއާގެ އިތުރުން، ބޫޓާން، ބަންގްލަދޭޝް އަދި ޗައިނާގެ ބައެއް ސަރަޙައްދުތަކަށް ވެސް ފޯރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާއްޞަކޮށް އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓްގެ ޖަލްޕައިގުރީ، އަލީޕޫރްދުއާ އަދި ކޫޗް ބެހާރު ޑިސްޓްރިކްޓްތަކަށް މި ލޮޅުންތައް ވަރަށް ބޮޑަށް އިޙްސާސް ކުރެވުނެވެ.

ބިންހެލުން އައި ވަގުތު އުސް އިމާރާތްތަކާއި، ގެދޮރުގެ އިތުރުން މަގުމަތީގައި ހުރި ކަރަންޓު ދަނޑިތަކާއި ނަރުތައް ވަރަށް ބޮޑަށް ހެލިގެން ދިޔައެވެ. ބޯ ދުންފިންޏާއެކު ހެނދުނު ނިދާފައި ތިބި އެތައް ބަޔަކު ހޭލަން ޖެހުނީ ބިންގަނޑަށް އައި ވަރުގަދަ ލޮޅުމާއި، އަޑުގެ ސަބަބުން ކަމަށް ވެއެވެ. މީގެއިތުރުން ހެނދުނުގެ ކަސްރަތަށް ނުކުމެ އުޅުނު މީހުންނަށް ކުއްލި ސިހުމެއް ލިބުނުއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބިރުން މަގުތަކުގެ މައްޗަށް ނުކުމެފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ނުވަތަ މުދަލަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގެ ރަސްމީ ރިޕޯޓެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ބިންހެލުމެއް ދާދިފަހުން ވެސް މި ސަރަޙައްދަށް ވަނީ އައިސްފައެވެ. އެގޮތުން، މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ހެނދުނު 10:21 ހާއިރު އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމޯލީ ޑިސްޓްރިކްޓަށް ރެކްޓާ މިންގަނޑުން 4.1 ގެ ބާރުމިނުގައި ބިންހެލުމެއް އައެވެ. އެ ބިންހެލުން އުފެދުނީ ޖޯތިރްމަތު ކައިރިން، ބިމުގެ 10 ކިލޯމީޓަރު އަޑިންނެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހިމާލަޔާ ފަރުބަދަތައް ހިމެނޭ މި ސަރަޙައްދަކީ ބިމުގެ ޓެކްޓޯނިކް ޕްލޭޓްތަކުގެ ޙަރަކާތްތައް ވަރަށް ގިނަ އަދި އަވަސް އަވަހަށް ބިންހެލުންތައް އުފެދުމުގެ ނުރައްކާ އޮންނަ ސަރަޙައްދެއް ކަމަށް ޖިއޮލޮޖިސްޓުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450