ދުނިޔެ

އީޔޫ އާއި އެހެން ޤައުމުތަކުން އެއްބަސްވުން ބަލައިނުގަތުމުން ކޮޕް31 ގެ މަޝްވަރާތައް ނާކާމިޔާބުވެ ނިމިއްޖެ

އީޔޫ އާއި އެހެން ޤައުމުތަކުން އެއްބަސްވުން ބަލައިނުގަތުމުން ކޮޕް31 ގެ މަޝްވަރާތައް ނާކާމިޔާބުވެ ނިމިއްޖެ

ކޮޕް ސަމިޓްގެ ތެރެއިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ނޮވެމްބަރު 2026، 03:04

23 ނޮވެމްބަރު 2026، 03:04

ތުރުކީގެ އަންތާލިޔާގައި ކުރިއަށްދިޔަ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް، ކޮޕް31 ގެ އެންމެ ފަހުގެ އެއްބަސްވުން ބަލައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިތުރު އެހެން ޤައުމުތަކުން ދެކޮޅު ހެދުމާ ގުޅިގެން، އެއްވެސް އެއްބަސްވުމަކަށް ނާދެވި މި މަޝްވަރާތައް ނާކާމިޔާބީއާ އެކު ނިމިއްޖެއެވެ. ޤައުމުތަކުން ބުނެފައިވަނީ ރިޔާސަތުން ހުށަހެޅި ޑްރާފްޓަކީ ދުނިޔެ ހޫނުވުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބަލާއިރު ނުހަނު ބަލިކަށި އެއްބަސްވުމެއް ކަމަށެވެ.

ދެ ހަފުތާއަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މި މަޝްވަރާތައް ނިންމަން ކަނޑައެޅި މުއްދަތަށް ވުރެ ދެ ދުވަސް އިތުރަށް ކުރިއަށް ގެންގޮސްފައިވުމުން، މިއީ ތާރީޚުގައި ވެސް އެންމެ ދިގުލައިގެންދިޔަ ކޮޕް ސަމިޓެވެ. ނަމަވެސް، ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލުމާ ގުޅޭގޮތުންނާއި މޫސުމީ މާލީ އެހީތެރިކަމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށް އެއްވެސް ޙައްލެއް ހޯދިފައެއް ނުވެއެވެ. އދ. ގެ މޫސުމީ މަޝްވަރާތަކެއް މިގޮތަށް އެއްބަސްވުމަކާ ނުލައި މީގެ ކުރިން ނިމިފައިވަނީ 2009 ވަނަ އަހަރު ކޯޕަންހޭގަންގައެވެ.

ކޮންފަރެންސްގެ ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކޮންފަރެންސްގެ ރައީސް، ތުރުކީގެ މުރާތު ކުރުމް ވިދާޅުވީ ދެން އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވިއްޖެ ކަމަށެވެ. އަދި އިތުރު އެއްވެސް ލިޔުމެއް ހުށަނާޅުއްވާނެ ކަމަށް ވިދާޅުވެ، ބައެއް ޤައުމުތަކުގެ މަންދޫބުން ވާހަކަދައްކަވަން ތިއްބަވަނިކޮށް އޭނާ ވަނީ ސްޓޭޖް ދޫކުރައްވައި ވަޑައިގެންފައެވެ.

އޮސްޓްރޭލިޔާގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ކްރިސް ބޯވެން ވިދާޅުވީ މަޝްވަރާތަކުގެ ނަތީޖާއާ މެދު އިންތިހާއަށް މާޔޫސްވާ ކަމަށެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވެސް ވަނީ މި ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މޫސުމީ ކާރިސާއާ އެކަށޭނަ ފިޔަވަޅުތަކެއް ސަރުކާރުތަކުން އެޅުމަށް އުންމީދުކުރި ހުރިހާ ފަރާތްތަކުގެ މާޔޫސްކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ފަހުގެ ކޮޕް ސަމިޓްތަކުގައި ޚިޔާލުތަފާތުވުންތައް ބޮޑުވި ނަމަވެސް، އިއާދަކުރަނިވި ހަކަތަ އާއި އިލެކްޓްރިކް ވެހިކަލްތަކުގެ ޓެކްނޮލޮޖީ ކުރިއެރުވުމަށް އެ ބައްދަލުވުންތަކުން މުހިންމު ބާރެއް ލިބުނެވެ. 2015 ވަނަ އަހަރު ޕެރިސް އެގްރީމެންޓް އެކުލަވާލިއިރު މި ޤަރުނުގައި ދުނިޔެ ހޫނުވާނެ ކަމަށް ލަފާކުރެވުނީ 4 ޑިގްރީ ސެލްސިއަސް އަށެވެ. ނަމަވެސް ދިހަ އަހަރު ފަހުން މިހާރު ލަފާކުރެވެނީ 2.8 ޑިގްރީ ސެލްސިއަސް އަށެވެ.

މިފަހަރުގެ ކޮޕް31 ބާއްވާފައި މިވަނީ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ދާނެކަން އޮކްޓޫބަރު މަހު އދ. ގެ ތިމާވެއްޓާ ބެހޭ އިދާރާއިން ކަށަވަރުކޮށްފައި ވަނިކޮށެވެ. މިއީ ސައިންސްވެރިން ބުނާ ގޮތުގައި މޫސުމީ ގަދަފަދަ ކާރިސާތައް ކުރިމަތިވުން އިތުރަށް ނުރައްކާތެރި މިންވަރަކަށް ގޯސްވެގެންދާނެ ދަރަޖައެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450