ދުނިޔެ

ވީހާވެސް އަވަހަށް އީރާނަށް ޙަމަލާދޭން ނަތަންޔާހޫ، ޓްރަމްޕަށް ބާރުއަޅަނީ

ވީހާވެސް އަވަހަށް އީރާނަށް ޙަމަލާދޭން ނަތަންޔާހޫ، ޓްރަމްޕަށް ބާރުއަޅަނީ

ނަތަންޔާހޫއާއި ޓްރަމްޕް. ފޮޓޯ: އޭއެފްޕީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ނޮވެމްބަރު 2026، 12:30

23 ނޮވެމްބަރު 2026، 12:30

އީރާނަށް ވީހާވެސް އަވަހަކަށް އަސްކަރީ ޙަމަލާއެއް ދިނުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅަމުންދާ ކަމަށް އިސްރާއީލުގެ ރަސްމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ ޢާންމު ބްރޯޑްކާސްޓަރު 'ކާން' އިން އާދީއްތަ ދުވަހު ރިޕޯޓްކުރި ގޮތުގައި، ނަތަންޔާހޫ ދަނީ އެފަދަ ނިންމުމެއް އަވަހަށް ނިންމުމަށް ޓްރަމްޕަށް ބާރުއަޅަމުންނެވެ. ނަމަވެސް، ޓްރަމްޕް އަދި އެއްވެސް ނިންމުމެއް ނުނިންމާ ކަމަށާއި، މިފަދަ ބޮޑު އަސްކަރީ ފިޔަވަޅެއް އެޅުމާމެދު ޓްރަމްޕް ފަސްޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އީރާނަށް ޙަމަލާއެއްދީފި ނަމަ ސަރަޙައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އިސްރާއީލުގެ އަސްކަރިއްޔާއިން ދީފައިވާ ކަމަށް އެ ޤައުމުގެ އެހެން މީޑިއާތަކުން ބުނެއެވެ. އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނަށް ޙަމަލާއެއް އަމާޒުކޮށްފިނަމަ ލުބުނާނާއި ސޫރިޔާގެ އިތުރުން ޣައްޒާ ހިމެނޭހެން މުޅި މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރު، ދިފާޢީ ދާއިރާގެ އިސް އޮފިޝަލުން މިދިޔަ ހަފުތާގައި ވަނީ ނަތަންޔާހޫއަށް ދީފައެވެ.

އިސްރާއީލާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ދެ ޤައުމުން ވެސް ދެކެނީ އަނެއް ޤައުމަކީ ސަލާމަތީ ގޮތުން އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ތަރައްޤީކުރަމުންދާ ކަމަށާއި، ލުބުނާނުގެ ހިޒްބުﷲ އާއި ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާޢަތްތައް ހިމެނޭހެން، މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކަށް ވާގިވެރިވާ ކަމަށް ބުނެ އިސްރާއީލުން ތަކުރާރުކޮށް ތުހުމަތުކުރެއެވެ. 

ނަމަވެސް އީރާނުން ބުނަމުންދަނީ އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމަކީ ސުލްޙަވެރިކަން ކަށަވަރުކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އިސްރާއީލުގެ ތުހުމަތުތައް އެ ޤައުމުން ވަނީ ދޮގުކޮށްފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450