ދުނިޔެ
އިސްރާއީލުގެ ހަމަލާތަކާއި ވިއްސާރައިގެ ސަބަބުން ޣައްޒާގެ ހާލަތު އިންތިހާއަށް ގޯސްވެއްޖެ
ޣައްޒާގައި ފެންބޮޑުވެފައި. ފޮޓޯ:ޑަބްލިޔުޕީ
އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާއި ފިނި މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގެ ހާލަތު އިންތިހާއަށް ގޯސްވެ، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިއްޖެއެވެ.
އޮކްޓޫބަރު 2025 ގައި އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލު ސިފައިން ދެމުންގެންދާ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގައި ފާއިތުވި ހަފުތާ ބަންދުގައި އެކަނިވެސް ހަ މީހުން ޝަހީދުވެފައިވާއިރު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ޓެންޓުތަކުގައި ދިރިއުޅޭ އެތައް ހާސް އާއިލާއެއްގެ ދިރިއުޅުން މިހާރު ވަނީ ނުރައްކަލުގެ ތެރޭގައެވެ.
ޣައްޒާ ސިޓީގެ ތަލް އަލްހަވާ އަވަށުގައި ކާބޯތަކެތި ބަހަމުންދިޔަ ވޭނަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން މިސައިލް ހަމަލާއެއްގައި މަދުވެގެން ތިން މީހުން ވަނީ ޝަހީދުވެފަ އެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި އެ ވެހިކަލް ހުއްޓީ ކުޑަކުދިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ޖަބަލިއާގެ އިރުމަތީގައި ހުންނަ ހަލާވާ ކޭމްޕުގައި ހުރި މީހަކު އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި މަރުވެފައިވާއިރު، ޚާން ޔޫނިސް ކައިރީގައި އޮންނަ އަލް މަވާސީ ސަރަހައްދުގައި ދިން ހަމަލާތަކުގައި ޒަޚަމްވި އިތުރު ދެ މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ މެދުވެރިވެގެން 2025 ގެ އޮކްޓޫބަރު މަހު ހަމަޖެއްސި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް އިސްރާއީލުގެ ހަމަލާތަކުގައި 1,670 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، ގާތްގަނޑަކަށް 6,000 މީހުން ޒަޚަމްވެފަ އެވެ. މިއާއެކު އޮކްޓޫބަރު 2023 ގެ ފަހުން މުޅި ޖުމްލަ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 74,736 އަށް އަރައިފަ އެވެ. ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ބުނާ ގޮތުގައި އެއްބަސްވުމަށް ފަހު އިސްރާއީލުން ވަނީ 6,200 އަށް ވުރެ ގިނަ ފަހަރު އެއްބަސްވުމާ ޚިލާފުވެފަ އެވެ. މީގެ އިތުރުން އިސްރާއީލު ސިފައިން އަދިވެސް ޣައްޒާގެ ބިމުގެ ގާތްގަނޑަކަށް 70 އިންސައްތަ ކޮންޓްރޯލް ކުރަމުންދާތީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ.
ވިއްސާރައިގެ ސަބަބުން ކުރިމަތިވި އިންސާނީ ކާރިސާ
ހަމަލާތަކުގެ އިތުރުން، ފިނި މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން ވަގުތީ ހިޔާވަހިކަމުގައި ދިރިއުޅޭ މީހުންނަށް ވަނީ އިތުރު މުސީބާތްތަކާ ކުރިމަތިލާން ޖެހިފަ އެވެ. ފުރަތަމަ ތޫފާނުގެ 12 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 261 ސަރަހައްދަކުން 70,000 އަށް ވުރެ ގިނަ ޓެންޓުގައި ފެންބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އދ. ގެ އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (OCHA) އިން ހާމަކުރި ގޮތުގައި 46,000 އަށް ވުރެ ގިނަ އާއިލާއަށް މީގެ އަސަރުކޮށްފައިވާއިރު، 9,000 އަށް ވުރެ ގިނަ ޓެންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މޫސުމީ ގޮތުން ދިމާވި ހާދިސާތަކުގައި ތުއްތު ކުއްޖަކު ފެނު އަޑިއަށް ގޮސް މަރުވެފައިވާއިރު، ވާރޭގެ ސަބަބުން ވެލިގަނޑު ކަނޑައިގެން ގޮސް ޓެންޓުތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުން އަންހެނަކާއި ތިން ކުޑަކުދިން ވަނީ މަރުވެފަ އެވެ. އަދި ފިނީގެ ސަބަބުން ޓެންޓުތަކުގެ އެތެރޭގައި ހޫނުކުރުމަށާއި ކައްކަން ރޯކުރި އަލިފާނުގެ ހާދިސާތަކުގައި އިތުރު ދެ ކުދިން ވަނީ ފުރާނަ ގެއްލިފައެވެ.
ހަލާކުވެފައިވާ ނަރުދަމާގެ ނިޒާމުގެ ނަޖިސް ފެންގަނޑުތަކާ އެކުވެ ބޮޑުވެފައިވާ ފެނުގެ ސަބަބުން ރައްކާކޮށްފައި ހުރި މަދު ކާބޯތަކެތި ވެސް ވަނީ ތަޣައްޔަރުވެފަ އެވެ. ކައްކާ ގޭހާއި ދަރު ނެތުމުގެ ސަބަބުން އާއިލާތަކުން ކުނި އަންދައިގެން ކައްކަމުންދާއިރު، ބަޖެޓުގެ ދަތިކަމާ ހުރެ ވޯލްޑް ފުޑް ޕްރޮގްރާމް (WFP) އިން ދެމުން އައި ހޫނު ކެއުން މިހާރު ވަނީ ދެ ދުވަހުން އެއް ދުވަހު ދޭ ގޮތަށް މަދުކޮށްފަ އެވެ. މީގެ އިތުރުން ޣައްޒާގެ ސާފު ފެނާއި ނަރުދަމާ ނިޒާމުގެ 85 އިންސައްތަ ހަލާކުވެ، ޒަރޫރީ ބޭހުގެ 42 އިންސައްތަ ހުސްވެފައިވުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވުމާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާ ކަމުގެ އިންޒާރު އެހީދޭ ޖަމާއަތްތަކުން ދެއެވެ.
އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޮ މައިގްރޭޝަން (IOM) އިން ބުނާ ގޮތުގައި މިސްރުގައި ރައްކާކޮށްފައި ހުރި 100,000 އަށް ވުރެ ގިނަ ޓެންޓު ޣައްޒާއަށް ވެއްދުން އިސްރާއީލުގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން ވަނީ ހުއްޓިފަ އެވެ. އެއްބަސްވުމުގައި ދުވާލަކު މަދުވެގެން 600 އެހީގެ ލޮރީ ވައްދަން ކަނޑައަޅާފައި އޮތް ނަމަވެސް އެ އަދަދާ ގާތަށް ވެސް އެހީ ނުވަދެ އެވެ. އަދި އދ. އިން ޣައްޒާއަށް ކަނޑައެޅި 4.1 ބިލިއަން ޑޮލަރުގެ އެހީގެ ފަންޑަށް ލިބިފައިވަނީ އެންމެ 35 އިންސައްތައެވެ.
މި ހާލަތާ ގުޅިގެން އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި އިޓަލީ ގުޅިގެން ނެރުނު ބަޔާނެއްގައި، އެހީ ވެއްދުމަށް އަޅާފައިވާ ހުރަސްތައް ވަގުތުން ނައްތާލުމަށް އިސްރާއީލަށް ވަނީ ގޮވާލައިފައެވެ.