ދުނިޔެ
އިންޑޮނޭޝިއާ ފެކްޓަރީ އަލިފާން: ހަށިގަނޑުތައް ނެރުނީ ކޮތަޅުތަކުގައި
އިންޑޮނޭޝިއާ ފެކްޓްރީ އަލިފާނުގެ ހާދިސާ. ފޮޓޯ: އެކްސް
އިންޑޮނޭޝިއާގެ ޖާވާގެ ފެކްޓަރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން 24 ކޮތަޅެއްގައި އިންސާނީ ހަށިގަނޑުގެ ބައިތައް ނެރެ، ގެއްލިފައިވާ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަލުން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ވެސްޓް ޖާވާ ޕްރޮވިންސްގެ ސެރަންގް ސަރަހައްދުގެ ސިކަންޑޭގައި ހުންނަ ކެންޑީ އުފައްދާ ފެކްޓަރީއެއް ކަމަށްވާ ޕީޓީ ފޮނޫސާ އަގުންގް މުލިއާގައެވެ.
ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަނދަމުންދިޔަ ބައެއް ތަންތަން ނިއްވުމުގެ މަސައްކަތް އާދީއްތަ ދުވަހު ވެސް ފަޔަރފައިޓަރުން ވަނީ ކޮށްފައެވެ. ރޭގަނޑަށް މެދުކަނޑާލުމަށްފަހު، ގެއްލިފައިވާ މަސައްކަތްތެރިން ހޯދުމުގެ އޮޕަރޭޝަން ހޯމަ ދުވަހުގެ ހެނދުނު އަލުން ފަށާނެ ކަމަށް އިންޑޮނޭޝިއާގެ ބަންޓެން ޕްރޮވިންސްގެ ޕޮލިސް ޗީފް ހެންދުރާ ކުރުނިއާވަން ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.
ފެކްޓަރީ ހިންގާ މައި ކުންފުނި ކަމަށްވާ ޕީޓީ ޔުނައިޓެޑް ފެމިލީ ފުޑްގެ ސީއީއޯ ސްޓީވަން އާވިން ވިޖަޔާ ވިދާޅުވީ، ހާދިސާ ހިނގި ވަގުތު އެ ޝިފްޓުގައި ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އަދި އަލިފާން ރޯވި ސަރަހައްދުގައި 65 މީހުން ތިބި ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުންފުނިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭގެ ތެރެއިން 24 މީހަކު ގެއަށް ގޮސްފައިވާ ކަމަށާއި، 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް 29 މީހަކު އަދިވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އިތުރު 8 މީހަކު ވީތަނެއް ޔަގީންކުރެވިފައި ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ފުލުހުންގެ ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން އޮފިޝަލް ވަހްޔޫ ހިދާޔަތީ ދްވި ޕަލޫޕީ ވިދާޅުވީ، އަލިފާނުގެ ސަބަބުން ހަށިގަނޑުތައް ވަރަށް ބޮޑަށް އަނދާފައިވާތީ، މޫނު ބަލައިގެން މަރުވި މީހުން ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މަރުވި މީހުން ދެނެގަތުމަށްޓަކައި އާއިލާތަކުގެ ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މި މަރުހަލާއަށް ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ފާހަގަކުރި ގޮތުގައި އެއް ކޮތަޅުގައި އެކަކަށްވުރެ ގިނަ މީހުންގެ ހަށިގަނޑުގެ ބައިތައް ހިމެނިދާނެތީ، މަރުވި މީހުންގެ ސީދާ އަދަދު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. ތިން ބުރިއަށް ހަދާފައިވާ އެ އިމާރާތުގެ ބޮޑު ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިމާރާތުގެ ބައެއް ބައިތައް ވެއްޓުމުގެ ނުރައްކާ އޮތް ކަމަށްވެސް އޮފިޝަލުން ބުނެއެވެ. ވެރިރަށް ޖަކާޓާއާ އިންވެގެން އޮންނަ މި ސަރަހައްދުގައި ހިނގި އަލިފާނުގެ ބޯ ދުމާއި އަލިފާންގަނޑު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
ފަހަކަށް އައިސް އިންޑޮނޭޝިއާގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން ވޭތުވެދިޔަ ޑިސެމްބަރު މަހު ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރު ނިކަލް ޕްރޮސެސިންގ ޕްލާންޓެއްގައި ހިނގި ގޮވުމެއްގައި 13 މީހަކު ވަނީ މަރުވެފައެވެ.